ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޚާއްސަ ސިޓީއެއް ދިވެހީންނަށް

ޑރ. އެންޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރުގައި މަސައްކަތްކުރާ ޗައިނާގެ ޑޮކްޓަރުން --

އޮފް އެޑް:

ދިވެހި ރައްޔިތުންނަށް،

ޖޫން 6، 2023 އަކީ ޗައިނާގައި ފާހަގަކުރާ 28 ވަނަ "ސައިޓް ޑޭ" ނުވަތަ "ލޮލުގެ ފެނުމުގެ ދުވަސް" އެވެ. "ޔުނިވާސަލް އައި ހެލްތު" ނުވަތަ އެންމެންގެ ވެސް ލޮލުގެ ދުޅަހެޔޮކަން ޝިއާރެއްގެ ގޮތުގައި ދެކިގެން ފާހަގަކުރާ މި ދުވަހާ ދިމާކޮށް މިއަހަރު އިސްކަން ދޭން ހަމަޖެހިފައި ވަނީ އާބާދީގެ މުހިންމު ދެ ގުރޫޕަކަށެވެ. އެއީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ. އަދި މި ދުވަހު އިސްކަން ދޭން ހަމަޖެހިފައިވާ ބަލިތަކަކީ މަޔޯޕިއާ އާއި އެފަދަ އެހެން މައްސަލަތައް، ކެޓެރެކްޓްސް އަދި ޑައެބެޓިކް ރެޓިނޯޕަތީ އާއި މެކިއުލާ ބަލިތައް ހިމެނޭ ގޮތަށް ތަފާތު ރެޓިނަލް ބަލިތަކެވެ. އެ ބަލިތަކަށް ޚާއްސަ އިސްކަމެއް ދިނުމުގެ މަގުސަދަކީ، މުޅި އުމުރުގައި ލޮލުގެ ދުޅަހެޔޮކަން ރަނގަޅު ކުރުމެވެ.

އަޅުގަނޑުމެންނަކީ، ޗައިނާގައި ލޮލުގެ ބަލިތަކަށް ޚާއްސަ އެންމެ މަޝްހޫރު ކްލިނިކް ކަމަށްވާ ސަން ޔަޓް-ސެން ޔުނިވާސިޓީގެ ޒޮންގްޝާން އޮފްތަލްމިކް ސެންޓަރުން ރާއްޖެ އައިސް، ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރުގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެކެވެ. މި ކްލިނިކަށް ޒިޔާރަތް ކުރާ މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ، ޗައިނާއެކޭ އެއްގޮތަށް ރާއްޖޭގައި ވެސް، ލޮލުގެ ސިއްހަތާ ގުޅުން ހުރި ކަންކަމުގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެވެ.

ދިވެހި ބައެއް ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ފަރާތުން ލޮލުގެ ސިއްހަތާ ގުޅުން ހުރި ރަނގަޅު އާދަތައް ނުފެންނަ އިރު، އާންމު ދިރިއުޅުމާއި ކިޔެވުމުގައި އިލެކްޓްރޯނިކް ޑިވައިސްތައް މާބޮޑަށް ބޭނުންކުރުމުން އެކުދިންގެ މެދުގައި މަޔޯޕިއާ ނުވަތަ ދުރު ނުފެނުމުގެ މައްސަލަތައް ގިނައެވެ. އެފަދަ ގިނަ ކުދިންނަށް ރަނގަޅު މެޑިކަލް ރިފްރެކްޝަން އާއި ސްޓޭންޑަޑް އޮޕްޓިކަލް ކަރެކްޝަން ނުލިބި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބުރޫއަރައެވެ.

ރާއްޖެއަކީ ގަދަ އަލްޓްރާވައިލެޓް ރޭޑިއޭޝަނަށް ހުށަހެޅޭ ގައުމެކެވެ. އެ އަލްޓްރާވައިލެޓް ރޭޑިއޭޝަނާއި ހަކުރު ގިނަ ކާނާ ކެއުމުގެ ނިސްބަތް އިތުރުވުމަކީ އުމުރުން ދުވަސްވީ ދިވެހިންގެ ތެރޭގައި ކެޓެރެކްޓްސް އާއި ޑައެބެޓިކް ރެޓިނޯޕެތީ ފަދަ ލޮލުގެ ފެނުން ގެއްލޭ ފަދަ ބަލިތަކަށް މަގުފަހިވާ ސަބަބުތަކެކެވެ.

މީގެ އިތުރުން ލޮލުގެ ޑޮކްޓަރުންނަށް ގަވާއިދުން ދެއްކުމުގެ މުހިންމުކަމާ ބެހޭ ހޭލުންތެރިކަން، އުމުރުން ދުވަސްވީ ގިނަ މީހުންގެ މެދުގައި ދަށްވުމުން ލޮލުގެ މައްސަލަތަކަށް ވަގުތުން ބޭސްފަރުވާ ނުލިބި، ލޮލަށް ދާއިމީ މައްސަލަތައް ދިމާވުމަށް މަގުފަހިވެއެވެ.

ޗައިނާގެ "ސައިޓް ޑޭ"އާ ދިމާކޮށް އަޅުގަނޑުމެން ދިވެހިންނަށް ދޭން ބޭނުންވާ މުހިންމު މެސެޖަކީ، އެންމެންގެ ވެސް ލޮލުގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަށެވެ. ލޮލުގެ ބަލިތައް ޖެހުން ހުއްޓުވުމާއި އެފަދަ ބަލިތަކަށް ފަރުވާ ހޯދައި ދިނުމުގެ މަގުސަދުގައި އަޅުގަނޑުމެން ދިވެހިންނަށް މި ލަފާތައް ދެމެވެ.

ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރުގައި މަސައްކަތްކުރާ ޗައިނާގެ ޑޮކްޓަރުން --

ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މަޔޯޕިއާއިން ރައްކާތެރި ކުރުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް ދޭ ލަފާ:

1. ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންގޮސްފައިވާ ބައިނަލްއަގުވާމީ ދިރާސާތަކުން ދައްކާގޮތުގައި ގެއިން ބޭރުގައި ހަރަކާތްތެރިވެ އުޅުމަކީ އެކުދިންނަށް މަޔޯޕީއާ ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެއް. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކޮންމެ ދުވަހަކު މަދުވެގެން ދެ ގަޑިއިރު ބޭރުގައި ހަރަކާތްތެރިވުން މުހިންމު.

2. ރަނގަޅު އާދަތައް އާލާކޮށް، އިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރުން މަދުކުރަން ޖެހޭ. އެގޮތުން، ކިޔަވާއިރު "20-20-20" އުސޫލަށް އަމަލުކުރެވިދާނެ. އެއީ ކައިރިން ބަލައިގެން 20 މިނެޓު ވަންދެން އެއްޗެއް ކިޔުމަށް ފަހު، ބްރޭކެއް ނަގައި، މަދުވެގެން 20 ސިކުންތު ވަންދެން 20 ފޫޓު ދުރުގައި ހުންނަ އެއްޗެއް ބެލުން.

3. ކުދިން ދިރިއުޅޭ މާހައުލަކީ އަލި ތަނަކަށް ހެދުން. އެކަށީގެންވާ ވަރަށް ގުދުރަތީ އަލި ނުލިބޭ ވަގުތުތަކުގައި ފޮތް ކިޔުން ފަދަ ކަންކަމަށް ލައިޓެއް ދިއްލުން. އަދި ރޭގަނޑު ކިޔަވާއިރު އަލިގަދަ ކުރުމަށް ޓަކައި ޑެސްކް މަތީ ހުންނަ ލައިޓެއް ދިއްލުމުގެ އިތުރުން ކޮޓަރީގައި އިތުރު ލައިޓެއް ވެސް ދިއްލާފައި ބެހެއްޓުން.

4. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކޮންމެ އަހަރަކުވެސް ދެ ފަހަރު، ފެންވަރު ރަނގަޅު ލޮލުގެ ކްލިނިކެއްގައި ލޮލުގެ ދެ ތަހުލީލު ކުރުން ރަނގަޅު. މި ތަހުލީލުތަކުގައި ލޮލުގެ ފެނުމާއި، އެކްސިއަލް ލެންތު މެޝަމެންޓް އަދި މެޑިކަލް ރިފްރެކްޝަން ވަޒަންކުރާނެ. އެކްސިއަލް ލެންތު 26.5 މިލިމީޓަރު ނުވަތަ އެއަށްވުރެ ބޮޑަށް ހުންނަ ކުދިން ކޮންމެ ހަ މަހަކުން ރެޓިނަލް ތަހުލީލުތައް ހިމެނޭ ގޮތަށް ލޮލުގެ ސިއްހަތު ގަވާއިދުން މޮނިޓާ ކުރަން ޖެހޭ.

5. 'ރިފްރެކްޓިވް އެރާ'އެއް ހުރިނަމަ ލޮލުގެ ކްލިނިކެއް/ހޮސްޕިޓަލަކުން ވަގުތުން ސިއްހީ ފަރުވާ ހޯދައި ސްޓޭންޑަޑް ރިފްރެކްޝަން އެސެސްމަންޓް ހެދުމަށް ފަހު އައިނެއް ހެއްދުން.

އުމުރުން ދުވަސްވުމާ ގުޅިގެން ޖެހޭ ލޮލުގެ ބަލިތަކުން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯލް ކުރުމަށްދޭ ލަފާ:

1. ދުޅަހެޔޮ ދިރިއުޅުމެއް ގެންގުޅުމަކީ މުހިންމު ކަމެއް. އެގޮތުން ގަވާއިދުން ކަސްރަތު ކުރުމާއި، މިންހަމަކޮށް ކެއުމާއި، ހަކުރު އަދި ކެލޮރީ ގިނަ ކާނާ ކެއުން ކޮންޓްރޯލް ކުރުން ހިމެނޭ.

2. އަލްޓްރާވައިލެޓް (ޔޫވީ) ރޭޑިއޭޝަނަށް ހުށަހެޅޭ މިންވަރު މަދުކުރަން ޖެހޭ. އިރުގެ ގަދަ އައްޔަށް ނުކުންނަ ވަގުތާއި ބޭރުތެރޭގައި އުޅޭ ވަގުތުތަކުގައި، ޔޫވީއިން ލޯ ރައްކާތެރިކޮށްދޭ އަވި އައިނު އެޅުން މުހިންމު.

3. ހަކުރުބައްޔާއި ހިތާއި ނާރުގެ ބަލިތަކާއި ލޭގެ ޕްރެޝަރު މައްޗަށް ދިޔުން ފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ދެނެގަނެ، ފަރުވާ ދިނުމަށް ޓަކައި ގަވާއިދުން ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެއްދުން މުހިންމު. ލޭގެ ހަކުރު، ލޭގެ ޕްރެޝަރު، އަދި ލޭގެ ލިޕިޑްސް ރަނގަޅަށް ކޮންޓްރޯލް ކުރުމަކީ ޑައެބެޓިކް ރެޓިނޯޕެތީ ޖެހުން ހުއްޓުވުމަށް ނުވަތަ އިތުރަށް ގޯސްވުން ހުއްޓުވުމަށް އެހީތެރިވާނެ ކަމެއް.

4. ޑައެބެޓިކް ރެޓިނޯޕެތީއިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ގޮތަކީ ދުރާލާ ސްކްރީން ކުރުމާއި، ބަލި ޖެހިފައިވާކަން ދެނެގަތުމާއި، ފަރުވާ ކުރުން. ޓައިޕް 2 ހަކުރުބަލި ހުރިކަން ދެނެގަނެވުމާއެކު ވީހާވެސް އަވަހަށް ލޮލުގެ ތަހުލީލުތައް ހެދުން މުހިންމު. އެގޮތުން ފުރަތަމަ ލޮލުގެ ތަހުލީލު ކުރަންވާނީ ލޮލުގެ ކްލިނިކެއް ނުވަތަ ހޮސްޕިޓަލެއްގަ. އެ ތަހުލީލުތަކުން މައްސަލައެއް ނުފެނުނު ނަމަވެސް، ކޮންމެ އަހަރަކު ނުވަތަ ކޮންމެ ދެ އަހަރުން އެއް އަހަރު ޑައެބެޓިކް ރެޓިނޯޕަތީއަށް ސްކްރީން ކުރުން މުހިންމު.

5. ޑައެބެޓިކް ރެޓިނޯޕެތީގެ ފުރަތަމަ މަރުހަލާތަކުގައި ރެޓިނަލް މައިކްރޯސާކިއުލޭޝަން ރަނގަޅު ކުރުމަށްޓަކައި ބޭސް ބޭނުން ކުރެވޭނެ. އެ ބަލީގެ ސީރިއަސް ހާލަތްތަކުގައި ރެޓިނަލް ލޭޒާ ފަރުވާ، އިންޓްރާވިޓްރިއަލް އިންޖެކްޝަން، ނުވަތަ ވިޓްރިއޮރެޓިނަލް ސާޖަރީ ފަދަ ފަރުވާ ހޯދިދާނެ.

ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރަކީ ލޮލުގެ ފަރުވާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު، ޗައިނާއާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ސެންޓަރެކެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޚާއްޞަ ޓީމަކީ ލޮލުގެ ފަރުވާގެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ޓީމެކެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު ދާއިމީ އެކުވެރިކަމެއް އޮތުމަށް އަޅުގަނޑުމެން ވެސް ހިތުގެ އަޑިން އެދެން!

comment ކޮމެންޓް