އޭޖީ އޮފީހުގެ ކަނބަލުންނަށް ކުޑައިމިސްކުރީ ކަމަށް ބުނެ މީކާއީލްގެ ނުރުހުން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއީލް ނަސީމް -- ފޮޓޯ/ މަޖިލިސް

އެޓާނީ ޖެނެރަލް އޮފީހުގެ ކަނބަލުންނަށް ކުޑައިމިސް ވާގޮތަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް ވާހަކަދައްކެވި ކަމަށް ބުނެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް ނުރުހުން ވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމަށް ދިން ފުރުސަތުގައި އެ މައްސަލަ ހުށަނާޅައި އިދިކޮޅުން ވަނީ ދިގު ދައްމާލައިފައެވެ. އެގޮތުން އިދިކޮޅަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދެވީ ނިޒާމީ ނުކުތާ ނަންގަވައި މިދިޔަ ހަފުތާގައި މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވި ސަބަބު އޮޅުންފިލުއްވައި ދެއްވުމަށް ގޮވާލައްވަމުންނެވެ.

މި ދެމެދުގައި މެންބަރު ސަލީމް ވަނީ އޭޖީ ރިއްފަތުގެ ދެ ފަރާތުގައި ތިއްބެވި ދެ ކަނބަލުންނަކީ 18 އަހަރުން ދަށުގެ ކުދިން ކަމަށް ޝައްކުވާ ކަމަށް ވިދާޅުވެ، އެކަން ސާފު ކޮށްދެއްވަން ރިޔާސަތުގައި އެދިލައްވައިފައެވެ.

"އަޅުގަނޑު ނިޒާމާ ބެހޭ މައްސަލައެއް މި ނެގީ، ބަންޑާރަނައިބުގެ ދެ ފަރާތުގައި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ. އެކަން ޔަގީންކޮށްލައިދޭން އަޅުގަނޑު ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

އެކަމާ ހިތްހަމަނުޖެހި، ނިޒާމީ ނުކުތާއެއް ނަންގަވައި، މެންބަރު މީކާއީލް ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ބޭފުޅުން ހާޒިރުވުމުން، މަޖިލީހަށް ވަޑައިގަންނަވާ ކަނބަލުންނަށް ކުޑައިމިސްވާ ގޮތަށް ވާހަކަދެއްކުން ކުށްވެރިކުރާ ކަމަށެވެ.

މީކާއީލްގެ އެ ވާހަކައަށް ތާއީދު ކުރައްވައި، މަޖީލީހުގެ ރިޔާސަތުގައި އިންނަވައި، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށެވެ. އަދި، އެފަދަ މޭރުމުން ވާހަކަ ނުދެއްކެވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ހާއްސަކޮށް ޖިންސުއްލަތީފުންނަށް ކުޑައިމިސް ވާގޮތަށް ވާހަކަނުދެއްކުމަށް ހުރިހާ މެންބަރުންގެ ކިބައިން ވެސް ވަރަށް ބޮޑަށް އެދެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދު ޖަލްސާއަށް ބަންޑާރަ ނައިބު ރިއްފަތު ވަޑައިގަތުމުން، ތަޅުން ހޫނުވިއިރު، އެ މައްސަލަ ހުށަހަޅަން ދިން ފުރުސަތުގައި، އިދިކޮޅު މެންބަރު ވަނީ އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރި ދުވަހު މަޖިލީހަށް ލިޔުމުން ޖަވާބު ދެއްވުމަށް ފަހު މިއަދު ހާޒިރުވެ އިންނެވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި، އެ ކަމުގައި އަމަލު ކުރަންވާ ގޮތަކާމެދު މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭކަން ގަބޫލުކުރައްވާ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

ލިޔުމުން ޖަވާބުދާރީވީ ސަބަބު އޮޅުންފިލުއްވައިދެއްވަމުން، ނަޝީދަށް ފޮނުއްވި ސިޓީގައި ރިފްއަތު ވިދާޅުވީ އެެހެން ކަންކުރެއްވީ އެެ މައްސަލައިގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާތީ އާއި އެ މައްސަލައަކީ ގިނަ ގާނޫނީ ވާގިއާތަކެއް ހިމެނޭ މައްސަލައަކަށް ވުމުން އެ ކަމުގައި ތަފުސީލީ ޖަވާބެއް ދެއްވުމަށް ކަމަށެވެ.

އޭޖީގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުންނެވެ. އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްއާއި އާއި އެމްއެންޕީ ހިމެނެއެވެ.

ސަރުކާރަށް ތާއީދުކުރާ މެންބަރުން ތުހުމަތުކުރާ ގޮތުގައި، އެ މައްސަލަ ކާމިޔާބު ކުރެވޭ ވަރަށް ވޯޓު ހަމަނުވާނެތީ، އިދިކޮޅުން މަސައްކަތް ކުރަނީ އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލާށެވެ.

comment ކޮމެންޓް