އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު އއ. އުކުޅަހަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އެ މަނިކުފާނު އުކުޅަހަށް ވަޑައިގަންނަވަނީ މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އައްޑޫ ދަތުރު މިއަދު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތީ މިއަދު މެންދުރުފަހެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއި އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވައިފައެވެ.
މީގެ އިތުރުން އެ ސިޓީގެ ރަށްތަކަށް ދަތުރުފުޅުކުރައްވައި އެ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވައިލެއްވިއެވެ.
އައްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ފާހަގަކޮށް ރައީސަށް ޝުކުރު އަދާކުރުމުގެ ގޮތުން އައްޑޫ ރައްޔިތުންވަނީ ޚާއްސަ ހަފްލާއެއް ވެސް ރޭ ބާއްވައިފައެވެ.
އެ ހަފްލާގައި ރައީސްވަނީ އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސަަށް އަންނަ ބަދަލު ވެސް ވަރަށް އަވަހަށް އިއުލާންކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.