މެސީއަށް ނޭމާގެ ހާއްސަ މެސެޖެއް: ވަރަށް ލޯބިވޭ، ކާމިޔާބަށް އެދެން

ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

ވަރަށް ލޯބިވާ ކަމަށްބުނެ، އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ބްރެޒިލް ތަރި ނޭމާ ހާއްސަ މެސެޖެއް ދީފައެވެ.

ޕީއެސްޖީއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މިސީޒަނުގެ ނިޔަލަށް ނިމުމަކަށް އަންނަ އިރު، އޭނާ ނިންމާފައިވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އާނުކުރުމަށެވެ. މެސީއަށް އެންމެ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވަނީ ސީޒަނަކަށް މުސާރައިގެ ގޮތުގައި 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު) ދޭން ހުށަހެޅި ސައުދީގެ އަލް ހިލާލެވެ. ބާސެލޯނާގައި ވެސް އެއްކޮށް ކުޅުނު ނޭމާ ދިން މެސެޖުގައި މެސީ ލޭބަލްކޮށްފައިވަނީ ނޭމާގެ "ބޭބެ" ގެ ގޮތުގައެވެ.

"އަހަރެމެން ބޭނުންވި ގޮތަކަށް ކަންތައްތައް ކުރިއަށްނުދިޔަ، އެކަމަކު އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. މެސީއާއެކު އިތުރު ދެ އަހަރު ހޭދަކުރެވުމަކީ ލިބުނު ފަހުރެއް. ކުރިމަގުގައި ވެސް ކާމިޔާބަށް އެދެން. ވަރަށް ލޯބިވޭ،" އިންސްޓަގްރާމް މެދުވެރިކޮށް މެސީއަށް ދިން މެސެޖުގައި ނޭމާ ބުންޏެވެ.

މިސީޒަނުގައި ޕީއެސްޖީގައި ވަނީ ގިނަ މައްސަލަތަކެއް ޖެހިފައެވެ. އެ މައްސަލަތަކަށްފަހު މިސީޒަން ނިމުމާއެކު ކޮންޓްރެކްޓް ނިމުމަކަށް އައުމުން މެސީ އާއި ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް، ޕީއެސްޖީ ދޫކޮށް ދިއުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ނޭމާ ވެސް ޕީއެސްޖީ ދޫކޮށް ދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.

ޕީއެސްޖީއަށް ގިނަ ތަރިންތަކެއް ގެނެސް، އެ ކްލަބުން އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓެއް ހޯދުމަށެވެ. ނަމަވެސް އެ ކްލަބުގައި މެސީ ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް