އައްޑޫގެ ތަރައްޤީއަށް މި ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކަށް ފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން ވަމުންދާ އެހީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޝުކުރުއަދާކުރައްވައިފިއެވެ.
ރައީސް އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވީ އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އެކްސްޓަރނަލް އެފެއާޒް ވީ. މުރަލީދަރަން، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ގަމުގައެވެ.

އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މުރަލީދަރަންއާ އެކީ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ރާއްޖެއަށް މުރަލީދަރަން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހިންމު ގިނަ މަޝްރޫއުތަކެއް ފެއްޓުމުން ހިތްހަމަޖެހިވަޑައިގަންނަވާކަން ފާޅުކުރައްވާފައެވެ. ޚާއްސަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުއަކީ އިންޑިއާ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖީއައިއޭ ބޮޑުކުރުމުގެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިޤުތިސާދީ ހާލަތު އަލުން ބައްޓަންކޮށް، ދެކުނު ސަރަހައްދުގައި ހަރުދަނާ އިޤުތިސާދީ ހަބެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.
ރައީސް ވަނީ މުރަލީދަރަންގެ މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ދަށުން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި، މުޖުތަމައު ބާރުވެރިކުރުވުމަށާއި، މީހުންގެ ޤާބިލުކަން އިތުރުކުރުމަށާއި، ސިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން އިންޑިއާ ސަރުކާރުން އަބަދު ވެސް ވެދެއްވަމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިޚުލާސްތެރިކަމާއެކު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން ރައީސް ވަނީ، އިންޑިއާގެ އޮޑިޝާ ސްޓޭޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން އިންޑިއާ ސަރުކާރަށާއި ހާލުގައި ޖެހުނު އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން މި ދަތި އުނދަގޫ ހާލަތުގައި ރާއްޖެއިން އިންޑިއާ އާއިއެކު ގާތްކަން ބަހައްޓާނެކަމުގެ ޔަގީންކަން ދެއްވައި، މި ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
މުރަލީދަރަން ވަނީ ރައީސްގެ ތައުޒިޔާގެ މެސެޖާއި، ދިވެހިސަރުކާރުން ދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ. ރައީސް ވަނީ އިންޑިއާގެ ރައީސް ޑްރޯޕަދީ މުރުމޫއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް އިޚުލާސްތެރިކަމާއެކު ހެޔޮއެދުންތައް ދަންނަވައިދިނުމަށް މުރަލީދަރަންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި މުރަލީދަރަން ވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އަޒުމުކަނޑައަޅުއްވައި އެކަމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.