އިންޑިއާގެ ރޭލް އެކްސިޑެންޓުގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ވ) -- ގަލްފް ނިއުސް ފޮޓޯ

އިންޑިއާގެ އިރުމަތީ އޮޑިއްޝާ ސްޓޭޓުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 288 އަށް އަރާފައެވެ. އަދި 850 އަށްވުރެ ގިނަ މީހުން ޒަޚަމްވެގެން، ފަރުވާ ދެމުން އަންނަ އިރު އެ މީހުންގެ ތެރޭގައި ކްރިޓިކަލް ހާލަތުގައި ގިނަ ބަޔަކު ވެސް އެބަތިއްބެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓުގައި, އިންޑިއާގެ އޮޑިޝާ ސްޓޭޓުގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީއާއި ތައުޒިޔާ ދަންނަވާފައިވެއެވެ.

ރައީސް ވިދާޅުވީ މި ނުތަވަސް ވަގުތުގައި މުޅި ރާއްޖެ އޮތީ އިންޑިއާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކުގައި ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއީ، މިދިޔަ 20 އަހަރުގެ ތެރޭގައި އިންޑިޔާގައި ހިނގާފައިވާ މިފަދަ އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ.

comment ކޮމެންޓް