އައްޑޫ ސިޓީން އިނގިރޭސިން ފޭބި ފަހުން، އެ ސިޓީ ދިޔައީ ފަހަތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް މިއަދު ވިދާޅުވީ ގަން އެއާޕޯޓަކީ 66 އަހަރުގެ ދޮށީ އެއާޕޯޓެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އައްޑޫއަކީ އިންޑިއާ ކަނޑުގެ ދެކުނުގައި އޮތް އިސްތިރާޖީ ގޮތުން އެންމެ މުހިއްމު ޕޮއިންޓު ކަމަށެވެ.
"އިނގިރޭސިން ގަން ޚިޔާރު ކުރީ އެ ސަބަބަށްޓަކައި [އިސްތިރާޖީ ގޮތުން މުހިއްމުވީމާ]. އޭރު އައްޑޫގައި އޮތް މަދަނިއްޔަތުގެ ފައިސާ އެންމެ އުތުރުން ތުރާކުނުގެ ބޮލިހުރާ ކޮޅާ ހަމައަށް ފޯރި،" ރައީސް ވިދާޅުވިއެވެ.
"ނަމަވެސް، ކުރިއަރާފައި އޮތް އައްޑޫން އިނގިރޭސިން ފާބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މި ތަނުގައި ހުރި އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫން ނަގައި ބުރިކޮށް ބޮނޑި ބަނދެ، ކޮނޑު ޖަހައިގެން ބޭރުކުރި،"
އެ މަނިކުފާނު ވިދާޅުވީ އިހްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކުރެވުނު ނަމަ، ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ޖެހޭނީ 66 އަހަރު ފަހަކުން ނޫން ކަމަށެވެ.
ރައީސް ޞާލިޙް މިއަދު ވިދާޅުވި ގޮތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުން އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެއެވެ. މި މަސައްކަތް ގެންދިއުމުގައި އިންޑިއާއާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ އެހީތެރިކަން ފާހަގަކޮށް، އެ މަނިކުފާނު ވަނީ އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފައެވެ.
"ރާއްޖޭގެ އިގްތިސާދު 10 އަހަރުން ދެ ގުނަ ކުރުމަށްޓަކައި މި ކުރިއަށް ގެންދަނީ އިންގިލާބީ މަޝްރޫއުތަކެއް. މިގޮތުން، 7،000 ޓޫރިސްޓު އެނދު އައްޑޫއަށް އަންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާވެގެން ދިއުމަކީ އެ ކަމުގެ ސަބަބުން އެތައް ވިޔަފާރިއަކަށް އެ ކަމުގެ ހެޔޮ ނަތީޖާ ފޯރާނެ ކަމެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރުމަކީ މުޅި ރާއްޖެ ތަރައްގީ ކުރަން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކޯލްޑް ސްޓޯރޭޖާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާ އެކު ދެކުނާއި އައްޑޫގެ ބޮޑު ކަންނެލި އެކްސްޕޯޓު ކުރުމަށް ލުއިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ފަސްވަނަ ދުވަހުއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ)ގެ ލޯނެއް ބޭނުން ކޮށްގެންނެވެ.
އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާއިރު، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް ތަރައްގީ ކުރާނެއެވެ.