ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ 29.7 މިލިއަން ޑޮލަރު (455.8 މިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ފައްޓަވައިދެއްވައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމަނިކުފާނު ފައްޓަވައިދެއްވީ އެކަމަށް ޓަކައި މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިޔާގެ ރެނާޓަސް ކުންފުންޏާއެވެ. ރެނާޓަސްއާ މި މަސައްކަތް ހަވާލުކުރީ މި އަހަރުގެ މާޗު މަހުގެ ފަސްވަނަ ދުވަހެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މި އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް ނިމުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ވަސީލަތްތައް އެއާޕޯޓުގައި ގާއިމް ކުރެވިގެންދާނެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުގެ ދަށުން:
- ޒަމާނީ ވަސީލަތްތަކާ އެކު ޓާމިނަލެއް ގާއިމްކުރެވޭނެ
- ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯގެ ވަސީލަތްތައް ތަރައްގީކުރާނެ
- އާ ކޮންޓްރޯލް ޓަވަރެއް އަޅާނެ
- ފަޔާ ސްޓޭޝަނެއް ގާއިމްކުރާނެ
- އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ތަރައްގީކުރާނެ
މި ހަފުލާގައި ވާހަކަދައްކަވަމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖަރު ގައިސް ނަސީރު ވިދާޅުވީ މިއަދަކީ އައްޑޫއަށާއި ދެކުނުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އުފާވެރި ދުވަހެއްކަމަަށެވެ.
"އެއީ މިއަދު އަޅުގަނޑުމެން މި ފަށައިގަންނަނީ އަޅުގަނޑުމެން އެންމެންގެ ޒަމާންވީ ހުވަފެނުގައި ކުލަ ޖެއްސުމުގެ އަމަލީ މަސައްކަތް. އައްޑޫ ގަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާ ތާރީޚީ ގޮތުން ވެސް އަޅުގަނޑުމެންގެ ކާބަފައިންނަށް ވެސް އެކިއެކި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދީފައިވާ ރަށެއް،" ގައިސް ވިދާޅުވިއެވެ.
ގައިސް ވިދާޅުވީ މިއަދަކީ ދުނިޔޭގެ އެކި މަންޒިލްތަކަށް އައްޑޫ ހުޅުވައިލުމުގެ ސީދާ މަސައްކަތް ފެށޭ ދުވަސްކަމަށެވެ. މިކަމަށްޓަކައި އޭނާ ވަނީ އައްޑޫ ތަރައްގީކުރުމަށް މި ސަރުކާރާއި، ރައީސް ޞާލިހު ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދައިކުރައްވައިފައެވެ.
މީގެ ކުރިން ސަރުކާރުން ބުނީ މިއީ ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މިއީ މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
އައްޑޫ ސިޓީގައި އިޤްތިސާދީ ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ.