އާ ކެބިނެޓަކާ އެކު ވަރުގަދަ އަޒުމެއްގައި ތިންވަނަ ދައުރަކަށް އެރުދުޣާން ހުވާކުރައްވައިފި

އެރުދުޣާން ގެ ތިން ވަނަ ދައުރުގެ ކެބިނެޓް

އަންކަރާ (04 ޖޫން 2023): ތުރުކީއަށް ލިބިފައިވާ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ހައިބަތާއި މަގާމު ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރާނެ ކަމަށް ރިޔާސީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވިދާޅުވެއްޖެއެވެ.

ރިޔާސީ ތިންވަނަ ދައުރަކަށް އެރުދުޣާން ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންނާއި މަންބޫދުންނަށް ރޭ ދެއްވި ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން އެރުދުޣާން ވިދާޅުވީ ތުރުކީއަކީ މިހާރު ވެސް ސަރަހައްދީ ބާރެއް ކަމަށާއި އަދި ސަރަހައްދީ ޖިއޮޕޮލިޓިކްސްގެ އިތުރުން ބައިނަލްއަޤްވާމީ ޖިއޮޕޮލިޓިކްސްގައި ނުފޫޒު ހުރި ގައުމެއް ކަމުގައެވެ.

މި ބާރާއި ނުފޫޒު ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެ ސިނާއީ އަދި ޓެކްނޮލޮޖީގެ އައުބާރެއްގެ ގޮތުގައި ތުރުކީ ފާޅުވެގެންދާނެ ކަމަށް އެރުދުޣާން ވިދާޅުވިއެވެ. އެރުދުޣާން ދެއްވި މި ފަރިއްކޮޅު އޮތީ އަންކަރާގައި ހުންނަ ތުރުކީގެ ރިޔާސީ ގަނޑުވަރެއް ކަމަށްވާ ސަންކާޔާ ގަނޑުވަރުގައެވެ.

އިއްޔެއަކީ އެރުދުޣާނަށް ވަރަށް ބުރަ ދުވަހެކެވެ. އެއީ ރިޔާސީ ހުވާކުރެއްވުމާއި ހުވާ ކުރެއްވުމަށް ފަހު ގައުމާ މުޚާތަބު ކުރެއްވުމާ އަދި އެރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ އިސްވެރިންނާ ވަކިވަކިން ބައްދަލުކުރެއްވުމާ އަދި ކެބިނެޓްގެ ވަޒީރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔުމުގެ މަސައްކަތްތަކެވެ.

އެރުދުޣާން ވިދާޅުވި ގޮތުގައި މިހާރު ތުރުކީގެ އަމާޒަކީ ހަމައެކަނި ޔޫރަޕެއް ނޫނެވެ. އަދި، ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށް ބަލައި އެ ކަމަށް އިންތިޒާރު ކުރުމެއް ވެސް ނޫނެވެ. އެއަށްވުރެ މާ އެޑްވާންސްވުމެވެ. އެއަށްވުރެ މާބޮޑަށް ކުރިއަށް ޖެހިލުމެވެ. ތުރުކީގެ ސިނާއީ ޓެކްނޮލޮޖީ އަދި އިގްތިސާދީ ބާރު އިތުރަށް ވަރުގަދަކުރުމާ އެކު އިރުމައްޗާ އަދި ހުޅަނގާ އެކު ގުޅުންތައް ބަދަހިކޮށް ދުނިޔެ މިހާރަށްވުރެ އަމާން އަދި އިންސާފުވެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.

އެރުދުޣާން ދެއްވި ރޭގަނޑުގެ ފަރިއްކޮޅު

ކުރިން 2003 ވަނަ އަހަރު ބޮޑުވަޒީރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ އެރުދުޣާން ވެރިކަމަށް ވަޑައިގެންނެވިއިރު ތުރުކީއަކީ ބޮޑު ގައުމެއް ނަމަވެސް ތުރުކީއަކީ އަމިއްލަވަންތަ ސިޔާސަތެއްނެތި ޔޫރަޕް ގެ ފަހަތުންނާއި އެމެރިކާގެ ފަހަތުން ދުވަމުން ދިޔަ ގައުމެކެވެ. ހުޅަނގުން ހެދި ގޮތެއް ހެދިގެން އުޅުނު ބަލިކަށި އަދި ނިކަމެތި ގައުމެވެ. ލަގަން ވިއްކާލައިގެން ހުޅަނގަށް ހެއްލިގެން އުޅުނު ގައުމެކެވެ. ޔޫރަޕްގެ އިއްތިހާދުގައި ތުރުކީ ބައިވެރިކުރާނެ ކަމަށް ބުނެ ޔޫރަޕުން ދައްކަމުން ގެންދިޔަ ހުވަފެންތަކަށް ހެއްލި ގެއްލިފައި އޮތް ގައުމެވެ.

ޔޫރަޕްގެ އިއްތިހާދުގައި ތުރުކީ ބައިވެރިކުރާނެ ކަމަށް ބުނެ ޔޫރަޕުން ތުރުކީއަށް ދައްކަމުން ގެންދިޔައީ ހަމައެކަނި ދަޅަތަކެކެވެ. ހަގީގަތެއްނޫނެވެ. ނަމަވެސް އެދަޅަތަކުގެ ދަލުގައި ޖެހިގެން ތިރީހަކަށް އަހަރު ވަރަށް ނިކަމެތި ގޮތަކަށް ތުރުކީ އޮތެވެ.

އެރުދުޣާންގެ ވެރިކަމުގައި ތުރުކީވަނީ މި ދަޅަތަކަށް ހެއްލިގެން އުޅުނު އުޅުން މުޅިން ދޫކޮށްލާފައެވެ. އޭގެ ބަދަލުގައި މިހާރު ތުރުކީވަނީ އެމެރިކާއަށް ވެސް އަދި ޔޫރަޕަށް ވެސް ނުހެއްލޭ އަދި އެ ދެ ފަރާތް ބުނާހާ ގޮތެއް ނުހަދައި އަމިއްލަ މަސްލަހަތު އިސްކުރާ ޚާރިޖީ ސިޔާސަތެއް ގެންގުޅޭ އަދި އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހަރުދަނާ ފުދުންތެރި ގައުމަކަށް ވުމުގެ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

ނަތީޖާއަކީ ތުރުކީ ގެ އިގްތިސާދީ ދުވެލި ތިންގުނަ ކުރިޔަށް ދިޔުމެވެ. އާދައިގެ އިގްތިސާދަކުން ސިނާއީ ގައުމަކަށް ބަދަލުވާން ފެށުމެވެ. ތުރުކީގެ ގައުމީ އާމްދަނީ ހަތަރު ގުނަ އިތުރުވެގެން ދިޔުމެވެ. އެމެރިކާއާއި ޔޫރަޕުން ތުުރުކީ ހައްލަން ކުރި މަސައްކަތް ހުއްޓާލައި ތުރުކީއަށް އިހުތިރާމްކޮށް ތުރުކީގެ ރުހުން ހޯދަން އެ ގައުމުތަކުން މަސައްކަތް ފެށުމެވެ. މިއާ އެކު މިއަދު ތުރުކީ އަކީ ޔޫރަޕްގެ އިއްތިހާދަށް ނުވައްދައިގެން އެއްވެސް ވަރަކަށް ކަންބޮޑުވާ ގައުމެއް ނޫނެވެ. އެ ކަމަށް އެދި އާދޭސްކުރާ ގައުމެއް ވެސް ނޫނެވެ.

އަނެއްކޮޅުން އެރުދުޣާން ވަނީ ތުރުކީގެ ގެއްލިފައިވާ އިސްލާމީ ހުވިއްޔަތު (އައިޑެންޓިފިކޭޝަން) ވެސް އަނބުރައި ހޯއްދަވާފައެވެ. އެރުދުޣާންވަނީ ޔޫރަޕާ ނުލައި ވެސް ތަރައްގީ ވެވިދާނެކަން ޔޫރަޕަށާ އަދި ދުނިޔެއަށް ދައްކަވާފައެވެ. އަދި، ތުރުކީގައި އަންހެނުންނަށް ބުރުގާ މަނާކޮށްފައި އޮތް އޮތުން ބަދަލުކުރައްވައި އެކަން ހުއްދަކުރައްވައި ތުރުކީއަކީ އިސްލާމީ ގައުމެއްކަން ރަމްޒުކޮށްދޭ ސިފަތަކާއި ޝިއާރުތައް ތުރުކީގައި އަލުން އަށަގަންނަވާފައެވެ.

އެރުދުޣާންގެ ވެރިކަމުގައި ތުރުކީ އަކީ އެގައުމުގެ އެތެރެއަށް ބެލިނަމަވެސް އިސްލާމީ ވަންތަ ސިފަތައްހުރި ގައުމެކެވެ. އެސިފަތަކަށް ލޯބިކުރާ އެސިފަތަކާމެދު ފަޚުރުވެރިވާ ގައުމެކެވެ. އަދި ތުރުކީވަނީ އިސްލާމީ މައްސަލަތަކަށް އިސްކަންދޭ އަދި އިސްލާމީ ދުނިޔޭގައި ލީޑު ރޯލެއް އަދާކުރާ ގައުމަކަށް ވެސް ވެފައެވެ. މީގެ އިތުރުން ތުރުކީގެ އަސްކަރިއްޔާއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަ ވަނުން ވެސް އެރުދުޣާންވަނީ ބަދަލުކުރައްވައި ތުރުކީ ސިފައިންގެ ސިޔާސީ ފިޔަ ކޮށާލައްވާފައެވެ.

މިއަދު ތުރުކީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އުފެއްދުންތެރި އިގްތިސާދެކެވެ. އެމެރިކާ އެދުނަސް އަދި ޔޫރަޕުން އެދުނަސް ތުރުކީގެ ގައުމީ މަސްލަހަތަށް ފައިދާވާގޮތަށް ނޫނީ އެއްވެސް ކަމެއް ނުކުރާ ގައުމެކެވެ. މިގޮތުގެ މަތިން އެރުދުޣާން ވަނީ ތުރުކީގެ ޚާރިޖީ ސިޔާސަތު ވެސް ބަދަލުކޮށްލައްވާފައެވެ.

އެރުދުޣާން ރިޔާސީ ތިންވަނަ ދައުރު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުންނެވެ. ތުރުކީގެ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމެރިކާއާއި ޔޫރަޕް އެރުދުޣާނާ ދެކޮޅަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި އޭނާ ވޯޓުގެ 52.15 އިންސައްތަ ހޯއްދެވިއެވެ.

ހުޅަނގު ތާއީދު ލިބިފައިވާ ކަމާލް ކަލިޗްޑަރޫލޫ ވޯޓުން ބަލިކުރައްވައި ޑިމޮކްރަސީގެ ނަމޫނާ ހުޅަނގަށް ދައްކަވާފައެވެ. ރިޔާސީ ތިންވަނަ ދައުރުގެ ކެބިނެޓްވެސް އިއްޔެ އެރުދުޣާންވަނީ އިއުލާނު ކުރައްވާފައެވެ. އާ ކެބިނެޓްގައި ޚާރިޖީ ވަޒީރަކީ އާ ބޭފުޅެއް ކަމަށްވާ ހާކާން ފިދާންއެވެ. ހާކާން މިހާތަނަށް ހުންނެވީ ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމުގައެވެ.

comment ކޮމެންޓް