އަލް ހިލާލުން މެސީ އިއުލާންކުރާނީ ޖޫން 6 ގައި: ރިޕޯޓް

ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

އަލް ހިލާލުން އާޖެންޓީނާ ތަރި ލިއޮނެލް މެސީ އިއުލާންކުރާނެ ތާރީހު އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މިސީޒަނަށްފަހު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނަ އިރު، މެސީގެ ކުރީގެ ކްލަބު ބާސެލޯނާ އިން ވެސް ދަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި ބާސާގެ ކޯޗު ޒަވީ ވަނީ އެ ކްލަބަށް މެސީ ދިއުމުގެ ހުރިހާ ބާރެއް މިހާރު އޮތީ މެސީގެ އަތުގައި ކަމަށް ބުނެފައެވެ.

އުމުރުން 35 އަހަރުގެ މެސީ ހޯދުމަށް ބާސާ އިން މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ކްލަބާ އޭނާ ގުޅުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. ބާސާގެ މާލީ ހާލަތު ހުރި ގޮތުން މެސީގެ ޓްރާންސްފާ ހުއްޓުމަކަށް އައުން ވަރަށް ގާތެވެ. އެހެންކަމުން މެސީ ހޯދުމުގެ އެންމެ ކުރީ ސަފުގައި މިހާރު އޮތީ ސައުދީގެ އަލް ހިލާލެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި އަލް ހިލާލުން މެސީގެ ކޮންޓްރެކްޓުގެ ހުރިހާ ކަމެއް ނިންމައި، އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އިއުލާންކުރުމަށް ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

އަލް ހިލާލާ މެސީ ގުޅިިއްޖެ ނަމަ، އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ. މިހާރު އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ ސައުދީގެ އަލް ނަސްރަށް ކުޅެމުންދާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެސީއަށް އަލް ހިލާލުން ސީޒަނަކަށް މުސާރައިގެ ގޮތުގައި 400 މިލިއަން ޔޫރޯ (429 މިލިއަން ޑޮލަރު) ދިނުމަށް ހުށަހެޅުމެއް ހުށަހަޅާފައިވާ އިރު، އަލް ނަސްރުން ރޮނާލްޑޯއަށް ސީޒަނަކަށް ދެނީ 200 މިލިއަން ޔޫރޯ (215 މިލިއަން ޑޮލަރު) އެވެ.

comment ކޮމެންޓް