ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން -- ސަން ފައިލް ފޮޓޯ/ އަހްމަދު ސައީދު

ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

މެޕްސް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަސްވެނިވެގެން ނިކުންނައިރު ތިމާއާއި އެހެން މީހުންނާ ތަފާތުވާންޖެހޭނެ ކަމަށާއި ތިމާ މަސައްކަތް ކުރާ މާހައުލުގައި ތިމާއަކީ މިހާރަށްވުރެ އިތުރަށް އިލްމު އުނގެނިފައި ހުރިމީހެއްކަން އެހެން މީހުން ލައްވާ ބުނުވަން ޖެހޭނެ ކަމަށެވެ. އެބަދަލު ނުގެނެވޭ ކަމުގައިވާނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށާއި ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުޖުތަމައަށް ނުކުމެ މަސައްކަތް ކުރާއިރު އަބަދުވެސް މަސައްކަތް ކުރަންވާނީ ތިމާގެ ސަބަބުން ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް މުޖުތަމައަށް ގެނެވޭތޯ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓަރު ވިދާޅުވީ ތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް ކަމަށާއި އެދުވަސްތައް މުހިއްމު ވަނީ ތައުލީމާއި ހުނަރު އަދި ތައުލީމު ހޯދާ ދާއިރާއިން އެހެންމީހުންނާ ގުޅިގެން ގާތްކަން އުފައްދަން ލިބޭ ދާއިރާއަށްވާތީ ކަމަށެވެ.

މެޕްސް ކޮލެޖުން ދަސްވެނިވި ދަރިވަރުންނާއެކު މިނިސްޓަރު ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ މެޕްސް ކޮލެޖް

އެދުވަސްތަކަކީ ތިމާގެ ޕާސަނަލިޓީއާއި ކެރެކްޓާ ބައްޓަން ވެގެންދާނެ ދުވަސްތަކެއް. އެއީ ތިމާއަށް ޒަމާންވީ ރައްޓެހިން ވެސް ހޯދަން ލިބޭ ދުވަސްތަކެއް ކަމަށްވާތީ. ތިމާ ތައުލީމު ހާސިލުކުރާ ދާއިރާއިން އެހެން މީހުންނާ ގުޅި ގާތްކަން ލިބޭ ފުރުސަތަކަށް ވެގެންދާތީވެ. އެއްގޮތަކަށްވުރެ ގިނަ ގޮތަކަށް ދަންނަވާނަމަ ކޮލެޖެއްގައި ތައުލީމު ހޯދަން މަސައްކަތް ކުރާ ދުވަސްވަރަށްވުރެ ވަކިން އުފާވެރި ދުވަސްތަކެއް ހަޔާތުގައި ނާންނާނެހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މީގެ އިތުރުން ރާއްޖޭގައި މީހުން ބިނާކުރުމުގައި ޕްރައިވެޓް ސެކްޓާ އިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމަށާއި ރާއްޖެއަށް މީހުން ބޭނުންވެފައިވާ ދާއިރާތަކަށް މީހުން ބިނާކުރުމަކީ ސަރުކާރަށް އެކަނިކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރުވެސް ރާއްޖޭގެ ކޮލެޖުތަކުން ސަރުކާރާ އެކީ މަސައްކަތްކުރާކަމަށާއި ގައުމަށް ލިބެމުންދާ ރޯޝަނީ ދުވަސްތަކަކީ އެންމެން ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް