މުވައްޒަފުން ބަދުނާމު ކުރާނަމަ ފިޔަވަޅު އަޅާނަން: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފޮޓޯ އާއި ވަނަވަރު މީސްމީޑިއާގައި އާންމު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މުއައްސަސާއިން ދީފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް އެ މުއައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފޮޓޯ އާއި މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކޮށް، ސައްހަ ނޫން ތުހުމަތުތަކާ އެކު އާންމު ކުރަމުން ދާ ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި، އެ މުވައްޒަފުން ބަދުނާމު ވާ ފަދަ އިބާރާތްތައް ބޭނުންކޮށް، ބިރުދައްކައި އިންޒާރު ދެމުން އަންނަ ކަމަށްވެސް ކަރެކްޝަންސް ގެ ބަޔާނުގައި ވެއެވެ.

އަދި، އެފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުން އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި، ވާޖިބު އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތާ މެދު އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން، އެފަދަ އަމަލު ތަކުގެ ސަބަބުން ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމަށާއި، އެކަން ކުށްވެރި ކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ކަރެކްޝަންސް އިން ބުނީ އެފަދަ އަމަލުތައް ތަކުރާރު ވާ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް