ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އީލޮން މަސްކް އަލުން ހޯދައިފި

އީލޮން މަސްކް

ބާނާޑް އާނޯލްޓްގެ ލުއީ ވިޓަންގެ ހިއްސާ ކުށްލިއަކަށް ދަށްވުމުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އީލޮން މަސްކްއަށް އަލުން ލިބިއްޖެއެވެ.

ފްރާންސްގެ ލަގްޒަރީ ބްރޭންޑް ލުއިސް ވިޓަން ބާނާޑް އާނޯލްޓްގެ ސީއީއޯ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާވެސް އީލޮން މަސްކް ހޯދައިފި ކަމަށް ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހާ ހަމައަށް މަސްކްގެ މިލްކިއްޔާތު ހުރީ ގާތްގަނޑަކަށް 192 ބިލިއަން ޑޮލަރުގައެވެ.

މަސްކް އާއި އާނޯލްޓްގެ ފަހަތުން ވާދަކުރާ ޖެފް ބެޒޯސްގެ މިލްކިއްޔާތުގައި ހުރީ 144 ބިލިއަން ޑޮލަރެވެ. އަދި ބިލްގޭޓްސްގެ މިލްކިއްޔާތުގައި 125 ބިލިއަން ޑޮލަރު ހުރިކަމަށްވެސް ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ދައްކައެވެ.

މި އިންޑެކްސްއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ކޮންމެ ދުވަހަކު ވެސް ރޭންކިން ކުރާ އިންޑެކްސް އެކެވެ. މި ހިސާބުތަކުގެ ތަފްސީލް ކޮންމެ ބިލިއަނަރެއްގެ ޕްރޮފައިލް ޕޭޖުގެ ނެޓްވޯތު އެނަލިސިސްގައި ވަނީ ދީފައެވެ. ނިއުޔޯކްގެ ވިޔަފާރީގެ ކޮންމެ ދުވަހެއް ނިމުމުން މި އަދަދުތައް އަޕްޑޭޓް ކުރެއެވެ.

އެންމެ ފަހުގެ ވިޔަފާރީގައި އާނޯލްޓްގެ ކުންފުނީގެ ހިއްސާ ދެ ޕަސެންޓަށް ވުރެ ދަށަށް ދިއުމާ ގުޅިގެން ޓެސްލާގެ ވެރިޔާ މަސްކް އަނެއްކާވެސް އެންމެ މުއްސަނދިންގެ ލިސްޓުގެ އެއް ވަނައަށް ވަނީ ޖެހިލައިފައެވެ.

މަސްކްގެ މުއްސަނދިކަން އިތުރުވުމަކީ ޓެސްލާގެ ހިއްސާގެ އަގުތައް އެންމެ ފަހުން އުފުލިގެން ދިއުމުގެ ސަބަބެއް ކަމަށް ވެސް ވެދާނެއެވެ. އަދި 2023 ވަނަ އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ ގާތްގަނޑަކަށް 89 ޕަސެންޓް އިތުރުވެފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު ތިބީ މަސްކް އާއި އާނޯލްޓްއެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާނާޑް އާނޯލްޓް ޓެސްލާގެ ވެރިޔާ މަސްކް ފަހަތަށް ޖައްސާލައި ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ދެ ވަނައިގައި ހިފަހައްޓާލިއެވެ. އޭގެ ފަހުން މަސްކް އަނެއްކާވެސް ކުރިއަށް ޖެހިލައިފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ.

comment ކޮމެންޓް