ހިޔާ ފްލެޓުގެ ދެ އެޕާޓްމަންޓެއްގެ އިންފާރު ތަޅައިލައި އެއްކޮށްލި މައްސަލައިގައި އާބަންކޯއިން އެތަން އަތުލަން ނިންމި ނިންމުން ބަދަލު ކުރަން އެދުނު އަމުރު ނުދިނުމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް، މިދިޔަ މޭ މަހުގެ ކުރީކޮޅު އައީ، އެ އެޕާޓްމަންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
އެއާއެކު އެ ކަން ތަހުގީގުކުރުމަށް ފަހު އާބަންކޯއިން ވަނީ ދެ އެޕާޓްމަންޓުގެ ވެރިފަރާތް 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި, އެ ޖޫރިނަމާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން 10 ދުވަހުގެ މުހުލަތެއް ދިނެވެ.
އާބަންކޯއިން ދިން މުއްދަތުތަކުގެ ތެރޭގައި އެއިން އެއްވެސް ކަމެއް ނުކުރުމުން، އެޕާޓްމަންޓުތައް އަތުލަން ނިންމީ ފައިސާ ދައްކަން އިތުރު 30 ދުވަސް ވެސް ދިނުމަށް ފަހުއެވެ.
ނަމަވެސް މި ދެ އެޕާޓްމަންޓުގެ ވެރިފަރާތްތަކުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެޕާޓްމަންޓު ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ.
އެ މީހުން ކޯޓުގައި ބުނީ އާބަންކޯއިން ފްލެޓު އެއްބަސްވުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމުގެ 16 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި ފްލެޓު އަތުލުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުން އެތަނުގެ ފިނިޝިންގެ މަސައްކަތާއި، އެހެނިހެން ކަންކަން ކުރުމަށް ކޮށްފައިވާ އިންވެސްޓުމަންޓު އެކީގައި ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި، އިންފާރު އަލުން ރާނައި ކުރިން ހުރި ގޮތަށް އިއާދަކުރުމަަށް ދީފަައިވާ މުއްދަތަކީ އެކަން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވެސް ބުންޏެވެ.
ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ އެ ފަރާތްތަކުން އާބަންކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މާއްދާތަކާއި، އިމާރާތްކުރުމުގެ ގާނޫނާ އެނގި ތިބެ ހިލާފުވެފައި ވާކަމަށެވެ. އަދި، އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށާއި، އެހެން ކަމުން އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.
ކޯޓުން ބުނީ މައްސަލައިގައި އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމުގެ މާއްދާތަކާއި އެއްމެދު އިމާރާތުގެ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ފަހު ކަމަށް ވާތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށެވެ.