ފަސް ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި

ފަސް ރަށެއްގެ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

ފަސް ރަށެއްގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގަން ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫޤެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ކ. ގާދިއްފުށީ ބަނދަރު ތަރައްގީކުރުމާއި، ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެރަށުގައި ޕިކްނިކް އައިލެންޑެއް ހެދުމަށް ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ކ. ދިއްފުށީ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ކ. ހުރާ ބަނދަރު ތަރައްގީކުރުމާއި ސ. ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ އަގު 454.95 މިލިއަން ރުފިޔާއަށް އަރައެވެ.

  • ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު

ފޭދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ ގޮތުން 75,398 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކޮށް، 5320 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް، 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 157 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.

އޭގެ އިތުރުން 501 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމާއ،ި 86 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުމާއ،ި 445 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއ،ި މޫރިން ބޯއީސް ހަރުކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން ހިމެނެއެވެ. އަދި 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 2040 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއ،ި 413 މީޓަރުގެ ކާބު ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއު 540 ދުވަސް ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 73.95 މިލިއަން ރުފިޔާއަށެވެ.

  • ތިނަދޫ ޕިކްނިކް އައިލެންޑް މަޝްރޫއު

ތިނަދޫ ޕިކްނިކް އައިލެންޑަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 65،296 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވެއެވެ. އަދި 474 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރުގެ ގްރޮއިންސް ޖަހާނެއެވެ. މީގެ އިތުރުން ޕިކްނިކް އައިލެންޑަށް ފަސޭހައި އަރައި ފޭބުމަށް ބޭނުންވާ ދެ ޖެޓީ ވެސް ހަދާނެއެވެ.

މި މަޝްރޫއު 300 ދުވަސް ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 57.6 މިލިއަން ރުފިޔާއަށެވެ.

  • ދިއްފުށީ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު

ދިއްފުށީގައި 22.97 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 710 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމާއި 670 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމުކުރާނެއެވެ. އަދި 270 މީޓަރ ބޮޑު ހިލައިގެ ގްރޮއިންއާއި 300 މީޓަރުގެ ރިވެޓްމަންޓް މަރާމާތުކުރުން ވެސް މި މަސައްތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއު 450 ދުވަހުން ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 169.9 މިލިއަން ރުފިޔާއަށެވެ.

  • ގާދިއްފުށީ ބަނދަރު ތަރައްގީކުރުން

ގާދިއްފުށީ ބަނދަރުން 47،243 ކޮޑިމީޓަރުގެ ވެލި ކޮނެގެން ނެގުމާއި، ނެރުފުންކުރުމާއި، 227 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 289 މީޓަރުގެ ބޮޑުހިލަ ސޭންޑް ފިލްޑް ބްރޭކްވޯޓާ ޖެހުމާއި، 252 މީޓަރުގެ އެލް ބްލޮކް ސޭންޑް ފިލްޑް ބްރޭކްވޯޓާ ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 145 މީޓަރުގެ ބޮޑު ހިލަ ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި، ނުވަ މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި، 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 318 މީޓަރުގެ އެލް ބްލޮކް ބަނދަރު ތޮށި ޖެހުން ހިމެނެއެވެ. އަދި 1365 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، އެއް ޖެޓީ ސޭންޑް ފިލްޑް ބްރޭކްވޯޓާ އަށް އެރުމަށް ހެދުން ވެސް މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއު 580 ދުވަހުން ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 85.7 މިލިއަން ރުފިޔާއަށެވެ.

  • ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު

ހުރާގައި ހިންގާ މަޝްރޫއުގެ ދަށުން ހުރާގައި 26453 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 40111 ކިއުބިކް މީޓަރު ފުންކުރުމާއި، 5445 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 210 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 86 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 317 މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓާ ޖެހުމާއި، 176 މީޓަރުގެ އެއްގަމުތޮށި ޖަހާ، 370 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުން ވެސް މަޝްރޫއުގައި ހިމެނެއެވެ.

މި މަޝްރޫއު 540 ދުވަހުން ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 67.8 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް