އީރާނަށް އަމާޒުކޮށްގެން އެމެެރިކާއިން އުފައްދާފައިވާ ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

އަބޫދަބީ (01 ޖޫން 2023): އަރަބި ގަލްފުގައި ދަތުރުކުރާ ކަނޑުގެ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔުނައިޓެޑް އަރަބި އިމަރޭޓްސް (ޔޫއޭއީ) ވަކިވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ "ޔޫއޭއީ" ގެ ޚާރިޖީ ވުޒާރާއިންނެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން 38 ގައުމު ހިމެނޭ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން "ޔޫއޭއީ" މިހާރުވަނީ ވަކިވެފައެވެ. ވަކިވެފައިވަނީ މީގެ ދެމަހެއްހާ ދުވަސް ކުރިންކަމަށްވެސް ބުނެފައިވެއެވެ.

މިއީ ގަލްފުގައި ދަތުރުކުރާ ކަނޑުގެ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަނެއް ނަމަވެސް ހަގީގަތުގައި މިކޯލިޝަން އަމާޒުވާ ފަރާތަކީ އީރާނެވެ.

ގަލްފުގައި ދަތުރުކުރާ ތެޔޮޓޭންކަރުތަކަށާއި އާގު ބޯޓުތަކަށް އީރާނުން ދުއްތުރާކޮށް އުނދަގޫކޮށް ބައެއް ފަހަރު އެތަކެތި ހިފަހައްޓައިގެން އީރާނުގެ ބަނދަރުތަކަށް ގެންދިޔުން ފަދަ ހަރަކާތްތައް އީރާން ސިފައިން ހިންގާއިރު މިކަން ހުއްޓުވުމަކީ މިކޯލިޝަންގެ މައިގަނޑު މަގްސަދުކަމަށް އެމެރިކާއިން ބުނެއެވެ.

އީރާނުން މިގޮތަށް އަމަލުކުރަނީ އީރާނުގެ ތެލާއި ގޭހާއި އަދި އީރާނުގެ ހަތިޔާރާއި މެޝިނަރީފަދަ ތަކެތި ހިފައިގެން އަރަބި ކަނޑާއި ރަތްކަނޑާ އަދި މެޑިޓަރޭނިއަން ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާއާއި އެމެރިކާގެ ފަހަތުން އުޅޭ ގައުމެއްކަމަށްވާ އިނގިރޭސިވިލާތުން ދުއްތުރާކޮށް އެދެގައުމުން އީރާނުގެ އެފަދަ ބޯޓުތަކާ ދެކޮޅަށް ކަނޑު ފޭރުމުގެ އަމަލުތައް ހިންގާތީއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން މިގޮތަށް އަމަލުކުރާއިރު އިސްރާއީލުން އެތަށް ފަހަރަކުވަނީ އަރަބި ކަނޑާ އަދި ރަތްކަނޑުން ދަތުރުކުރާ އީރާނުގެ އާގު ބޯޓުތަކަށް ޑްރޯނުން ހަމަލާތައް ދީފައެވެ. މިކަމަށް ބަދަލު ހިފުމުގެ ގޮތުން އީރާންވެސް ރަތްކަނޑާއި ގަލްފުގައި ދަތުރުކުރާ އިސްރާއީލުގެ ތެޔޮ ޓޭންކަރުތަކަށާއި އިސްރާއީލުގެ އާގި ބޯޓުތަކަށް ޑްރޯނުން ހަމަލާތައްދީ އެއުޅަނދުތަކަށް ގެއްލުންތައްދީ ބިރު ދައްކައި ހަދައެވެ.

އިސްރާއީލުގެ މިފަދަ އަމަލަކަށް ބަދަލު ހިފުމުގެގޮތުން ދާދިފަހުންވެސް އީރާނުންވަނީ ގަލްފުގައި ދަތުރުކުރި އިސްރާއީލުގެ ތެޔޮޓޭންކަރަކަށް ޑްރޯނަކުން ހަމަލާތަކެއްދީ އެޓޭންކަރަށް ގެއްލުންތަކެއް ދީފައެވެ. އަދި އިނގިރޭސިވިލާތުން މީގެ ދެ އަހަރެއްހާ ދުވަސްކުރިން އީރާނުގެ ތެޔޮ ޓޭންކަރެއް ޖިބްރޯލްޓާ ގެ ބަނދަރެއްގައި ހިފެހެއްޓުމުން އީރާން ވަނީ ގަލްފުގައި ދަތުރުކުރި އިނގިރޭސިވިލާތުގެ ދެ އާގު ބޯޓު ދެފަހަރެއްގެ މަތިން ހިފަހައްޓައިގެން އީރާނުގެ ބަދަރަކަށް ގެންގޮސް އެތަށް މަހެއްވަންދެން އެދެބޯޓު ހިފަހައްޓާފައެވެ. އީރާނުން އިނގިރޭސިވިލާތުގެ ދެ ބޯޓު މިނިވަންކުރީ އިނގިރޭސިވިލާތުން އީރާނުގެ ޓޭންކަރު ދުކޮށްލުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން "ޔޫއޭއީ" ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ވަކިވީ އެމެރިކާގެ ބައެއް އަމަލުތައް ހުންނަގޮތާމެދު ހިތްހަމަނުޖެހިގެންނެވެ. އަނެއްކޮޅުން އެމެރިކާއިން އީރާނުގެ ބޯޓެއް އަރަބި ކަނޑުގައި ހިފެހެއްޓުމުން އެކަމަށް ބަދަލުހިފުމުގެ ގޮތުން މިއަހަރުގެ ކުރީކޮޅު އީރާނުން، އެމެރިކާގެ ތެޔޮ ޓޭންކަރެއް، ގަލްފްގައި ދަތުރުކުރަމުންދަނިކޮށް ހިފެހެއްޓުމާ ގުޅިގެން ޔޫއޭއީ ވަނީ މި ކޯލިޝަންގެ ގާބިލުކަމާމެދު ބޮޑެތި ސުވާލުތަކެއް އުފައްދާފައެވެ.

އެއީ ޚުދު އެމެރިކާވެސް އެފަދަ އަމަލުތައް ގަލްފުން ބޭރުގައި ހިންގާތީއާ އަދި އެކަމަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ގަލްފުގެ އެތެރޭގައި އެފަދަ އަމަލުތައް ހިންގާއިރު އީރާނުގެ އެއަމަލުތައް ހުއްޓުވުމަށް އެމެރިކާ ފަސްޖެހޭތީއެވެ. އަދި އެފަދަ ހާލަތްތަކުގައި އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރަންވެސް އެމެރިކާ ޖެހިލުންވާތީއެވެ.

އީރާނަކީ އަސްކަރީގޮތުން އެމެރިކާ އަށް ރައްދު ދެވޭވަރުގެ ގައުމަކަށްވާއިރު އީރާނާދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ ގަލްފުގެ ސަރަހައްދުގައި ހަނގުރާމައެއް ފެށި އެސަރަހައްދު މުޅިން ބަންދުވެ ތެލުގެ އަގު އިންތިހާއަށް ބޮޑުވެދާނެކަމުގެ ބިރު އެމެރިކާ އިހްސާސް ކުރެއެވެ.

އެމެރިކާއަކީ އީރާނާއި ގަލްފުގެ އަރަބި ގައުމުތައް ޖައްސައި ފިތުނަ ކުރުވައިގެން އީރާނަކީ ގަލްފަށްހުރި ބޮޑު ބިރެއްކަމަށް ދައްކައިގެން އެބިރުން ސަލާމަތް ކުރުމުގެ ނަމުގައި ގަލްފުގެ ގައުމުތަކަށް ބޮޑު އަގުގައި ހަތިޔާރު ވިއްކައި އެއިން ފައިދާ ނެގުމުގެ ހީލަތްތެރި ސިޔާސަތެއް ޒަމާނުއްސުރެ ގެންގުޅޭ އިސްތިއުމާރީ ވިސްނުމުގެ ގައުމެކެވެ.

ގަލްފުގެ އަރަބި ގައުމުތަކަށް މިހާރުވަނީ މިކަން ވިސްނެން ފަށާފައެވެ. ދާދިފަހުން އީރާނާއެކު ސައޫދީ ސުލްހަވެފައިވާއިރު ޔޫއޭއީވެސް ގެންދަނީ އެގައުމާއި އީރާންއާ ދެމެދުގައި އޮންނަ ނުތަނަވަސްކަން ފިލުވާލުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ދާދިފަހުންވަނީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އީރާނާއި ޔޫއޭއީ ގެ ޚާރިޖީ ވަޒީރުން ވަނީ ގަލްފުގެ މައްސަލަތައް ހައްލުކުރާނީ އެސަރަހައްދުގެ ގައުމުތައް ކަމަށާ ބޭރުގެ ބާރުތައް ނޫންކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ގަލްފްގައި އީރާނަށް ނުރައްކާވާ ހާލަތްތަކުގައި އީރާނުގެ ދިފާއީ ހަރަކާތްތައް ފުޅާކުރުމަކީ ޔޫއޭއީ ދެކޮޅުހަދާނެ ކަމެއްނޫންކަމަށް ވެސް ޔޫއޭއީ ވަނީ އެއްބަސްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް