ސްޓޫޑަންޓް ލޯނު މިފަހަރު ގިނައިން ދިނީ ޕައިލެޓްކަން ކިޔަވަން

ސްޓޫޑެންޓް ލޯނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ފޯރުކޮށްދޭ ސްޓޫޑެންޓް ލޯނުން މިއަހަރު ރިކޯޑު އަދަދެއްގެ ދަރިވަރުން ޕައިލެޓުކަން ކިޔަވަން ހުށަހަޅާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ސްޓޫޑެންޓް ލޯނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު 11:00ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ލޯނުގެ 720 ފުރުސަތަށް 1507 ދަރިވަރުން ކުރިމަތި ލާފައި ވާކަމަށެވެ. އޭގެތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ވަނީ ދީފައެވެ. މިފަހަރު ސްޓޫޑަންޓް ލޯނު ލިބެނީ ޖުމްލަ 1225 ދަރިވަރުންނަށެވެ. މިނިސްޓަރު ވިދާޅުވީ އެންމެ ގިނަ އަދަދެއްގެ ލޯނު ލިބިފައި ވަނީ ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް ކަމަށެވެ.

ސްޓޫޑެންޓް ލޯނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"479 ކުދިންނަށް ޕައިލެޓް ސްޓަޑީސް ލައިސަންސް ހޯދަން ފުރުސަތު ލިބޭނެ. މިއީ ރެކޯޑު އަދަދެއް. ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާ ޚިލާފު ހެޔޮ ބަދަލެއް ރައީސުލްޖުމްހޫރިއްޔާގެ މި ނިންމުމުގެ ސަބަބުން އަންނާނެ. އަދި އޭގެ ފައިދާ އަޅުގަނޑުމެން އާންމު ރައްޔިތުންނަށް އެތައް ގޮތަކުން ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ލޯނު ލިބުނު ދަރިވަރުން 18 މަސްދުވަސް ތެރޭ ކިޔެވުން ފަށަން ޖެހޭނެއެވެ.

ލޯނު ލިބުނު އިތުރު ދާއިރާތައް

  • އެމްބީބީއެސް: 133
  • މެޑިސިން: 51
  • ލޯނުން ޕީއެޗްޑީއަށް ކިޔެވުމަށް: 26

ކުރިން ލޯނު ލިބި، އިޚްތިޔާރުން ބޭރުން ދިމާވި ކަންކަމާ ހުރެ ތަމްރީނު ފުރިހަމަ ކުރެވިފައި ނުވާ ދަރިވަރުނަށް ވަނީ ޓޮޕްއަޕް ލޯނެއް ތައާރަފްކޮށްފައެވެ. އެ ލޯނު 78 ދަރިވަރަކަށް ވަނީ ދީފައެވެ.

ސްޓޫޑެންޓް ލޯނާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސްޓޫޑަންޓް ލޯނުގެ ދަށުން މިއަހަރު ތައާރަފްކުރެވުނު ކަންކަން:

ސްޓޫޑަންޓް ލޯނުގެ ދަށުން މިއަހަރު އަލަށް ވަނީ ބައެއް ކަންކަން ތައާރަފްކޮށްފައެވެ. އޭގެތެެރޭގައި ސްޓޫޑެންޓް ލޯންގެ ދަށުން ޑިޕްލޮމާ ލެވެލްއަށް ކިޔެވުމާއި ފުރަތަމަ ޑިގްރީގެ އެހެނިހެން ޚަރަދުތައް ލޯނުން ހަމަޖެއްސުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށް ޕީއެޗްޑީ ސްލޮޓް އެ ތަންތަނަށް އަމާޒުކޮށްގެން ހުޅުވާލަން ވެސް ވަނީ ނިންމާފައެވެ.

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ވަގުތީ ނަތީޖާ މިހާރު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. ދަރިވަރުންގެ ދާއިމީ ނަތީޖާ އާންމު ކުރާނީ ވަގުތީ ނަތީޖާއާ ގުޅިގެން ހުށަހަޅާ ޝަކުވާތަކަށް ބެލުމަށް ފަހުކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ޝަކުވާ ހުށަހެޅުމަށް ޚާއްސަކޮށްފައިވާ އީމެއިލް: [email protected]

comment ކޮމެންޓް