އެމްޕީއެލްއިން ޑިވިޑެންޑުގެ ގޮތުގައި 67.5 މިލިއަން ރުފިޔާ ދައްކަން ފާސްކޮށްފި

އެމްޕީއެލްގެ އަހަރީ ޢާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ސަރުކާރަށް ޑިވިޑެންޑުގެ ގޮތުގައި 67.5 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.

މީރުމާ އިވެންޓް ހޯލުގައި ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޑިވިޑެންޑުގެ ގޮތުގައި ބޯޑުން ފާސްކުރި އަދަދަކީ މިދިޔަ އަހަރު ޑިވިޑެންޑުގެ ގޮތުގައި ދެއްކި އަދަދަށް 78 ޕަސެންޓުގެ އިތުރުވުމެކެވެ.

ނިމުނު އަހަރުގެ އެމްޕީއެލްގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް ޢާމްދަނީގެ ގޮތުގައި 809 މިލިއަން ރުފިޔާ ލިބުނެވެ. އޭގެން ޚަރަދުތައް ކެނޑުމަށް ފަހު ސާފު ފައިދާވީ 108.9 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 43 ޕަސެންޓު އިތުރު އަދަދެކެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ މިދިޔަ އަހަރު އެ ކުންފުނިން ހާސިލު ކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތައް ހާސިލް ކުރެވުނު ކަން ފާހަގަކުރައްވައި، ކުންފުނީގެ އަހަރީ އުސްއަލިތައް ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް