ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަށުމުން، އޭގެން ދެވެނީ ކިތަންމެ ބަޔަކަށް އެތައް އުއްމީދެއް ކަމަށް "ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ" ޖަމިއްޔާއިން މިއަދު ބުނެފިއެވެ.
އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕްގައި ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ފާޓިލިޓީ ސެންޓަރު ޓްރީޓޮޕްގައި ހުޅުވުމާ ގުޅޭ ގޮތުން، ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް ހިތްވަރު ދިނުމަށާއި ހޭލުންތެރިކުރުމަށް އުފައްދާފައިވާ ޖަމިއްޔާ "ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ"ގެ ފައުންޑާ އަދި ރައީސާ، އާޝާ ހުސައިން މިއަދު "ސަން"އަށް ވިދާޅުވީ، އައިވީއެފްގެ ޚިދުމަތް ރާއްޖެއިން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިއީ ދެވަނަ އެޗީވްމެންޓް، ފުރަތަމަ އެދުނީ ސްޕެޝަލިސްޓްއަކަށް. ޑރ. ޒާކިޔާ ވަޑައިގަތީމަ އެކަން އެޗީވްވީ. މިއީ ދެވަނަ ކަންތައް. އެހެންވެ ލިބުނު ބޮޑު އެޗީވްމެންޓެއް ގޮތުގަ ސިފަކުރަނީ،" އޭނާ ވިދާޅުވިއެވެ.

ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ދިނުމަށް ހުޅުވި ފާޓިލިޓީ ސެންޓަރު --- ފޮޓޯ/ ރައީސް އޮފީސް
އާޝާ ވިދާޅުވި ގޮތުގައި މީގެ ކުރިން މުޅިން ވެސް ޖެހެނީ ބޭރު ގައުމުތަކަށް ގޮސްގެން ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދާށެވެ. އެކި ޓްރީޓްމެންޓުތަކަށް ޚަރަދުވާ ވަރު ތަފާތުވާއިރު، އާއްމުކޮށް 3،000 ނުވަތަ 4،000 އެމެރިކާ ޑޮލަރު ޚަރަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ބޭރު ގައުމެއްގައި މަޑުކޮށްގެން ފަރުވާ ހޯދަން ޖެހޭއިރު، ދާ އިތުރު ޚަރަދުތަކުން ކުރިމަތިވާ ދަތިތައް އިތުރުވެއެވެ.
ހަމައެއާ އެކު، ފަރުވާހޯދަން ބޭރު ގައުމުތަކަށް ދާން ޖެހެނީ ލިބޭ ޗުއްޓީތަކުގައިކަން ފާހަގަކުރައްވައި އާޝާ ވިދާޅުވީ، ބައެއް ފަހަރަށް އުޅޭ މީހުން އެ ވަޒީފާތަކުން ކެނޑިގެން ވެސް ޓްރީޓްމެންޓުތަކުގައި މަޑުކުރަން ބޭރު ގައުމުތަކަށް ދާން ޖެހޭ ކަމަށެވެ. އަދި، އެއީ މާލީ ގޮތުން ކުރިމަތިވާ އިތުރު ދައްޗަކަށްވާއިރު، އާއިލާއާ ދުރުގައި އެކަނިން ދެމަފިރިއަކު އެހާ ދުވަހު އުޅުން ވެސް ވާނީ ދަތި ކަމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ދިނުމަށް ހުޅުވި ފާޓިލިޓީ ސެންޓަރު --- ފޮޓޯ/ ރައީސް އޮފީސް
ނަމަވެސް ރާއްޖޭގައި އައިވީއެފްގެ ޚިދުމަތް ފެށުމާ އެކު، އެ ހުރިހާ ދަތިތަކެއް ނިމުމަކަށް އައިސް، ދިރިއުޅޭ ތަނުގައި، އާއިލާއާ ކައިރީގައި ތިބެގެން ފަރުވާ ހޯދޭނެ ކަމަށް އާޝާ ވިދާޅުވިއެވެ. އަދި، ވަޒީފާތަކުން ކެނޑެން ނުޖެހި، މާލީ ގޮތުން ހޭދަކުރަން ޖެހޭ މިންވަރުވެސް މަދުވާނެ ކަމަށް އެނާ ވިދާޅުވިއެވެ. އެހެންވެ، ރާއްޖެއިން އައިވީއެފް ފެށުމަކީ އެތައް ބަޔަކަށް ލިބޭނެ އުފާވެރިކަމަކާއި އުއްމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާޝާ ވިދާޅުވި ގޮތުގައި، މި ޚިދުމަތް ރާއްޖޭގައި ފެށުމާ އެކު، އެކަމާ ގުޅިގެން "އެކްސްޕެކްޓޭޝަން"ތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ފަރުވާދޭއިރު، ބައިނަލްއަޤްވާމީ ގައިޑްލައިންތަކަށް ރިޔާއަތްކޮށް، ދިވެހިންނަށް ދަތިނުވާނެ އަގުތަކެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި އިސްކޮށް ހަރަކާތްތެރިވާނީ ޑރ. ޒާކިޔާ އަހުމަދުކަން ފާހަގަކުރައްވައި އާޝާ ވިދާޅުވީ، ޑރ. ޒާކިޔާއަށާއި ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތަށް ވެސް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ.

ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ދިނުމަށް ހުޅުވި ފާޓިލިޓީ ސެންޓަރު --- ފޮޓޯ/ ރައީސް އޮފީސް
ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ އުފެދިގެން އައިއިރު، 100 އެއްހާ މެންބަރުން ހަރަކާތްތެރިވިއިރު، މިހާރު އެ ޖަމިއްޔާގައި 400 އެއްހާ މެންބަރުން އެބަތިއްބެވެ. އާޝާ ވިދާޅުވީ، އޭގެން އެނގެނީ، ރާއްޖޭގައި ޔަގީން ކުރެވޭ ގޮތުން ވެސް، 400 އަށްވުރެ ގިނަ ދެމަފިރިން ދަރިމައިވުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމެވެ.
އެހެންވެ، ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ، ރާއްޖެއިން އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ގޮތް ހެދުމަށާއި މި ޚިދުމަތަށް އާސަންދަ ލިބޭނެ ގޮތް ވުމަށް ވެސް ވަރަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެ މައްސަލަ އޮތީ ރައްޔިތުން މަޖިލީހުގެ ކޮމިޓީން ފާސްކޮށް، މަޖިލީހުގައި ވޯޓުލުމުގެ މަރުޚަލާގައެވެ.
ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ފެށިއިރުވެސް 300 އެއްހާ މީހުން ކިއޫގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާ އައިވީއެފްއަށް ހާއްސަކޮށްފައިވާއިރު، އެންމެ މަތީ ފެންވަރުގައި އެ ޚިދުމަތް ދިނުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.