ޗައިނާގެ ގައުމީ ސަލާމަތް އޮތީ ނުރައްކަލުގެ ތެރޭގައި: ޗައިނާގެ ރައީސް

ޗައިނާގެ ރައީސް ޝީ ޖިންޕިން

ބެއިޖިން (01 ޖޫން 2023): ޗައިނާގެ ގައުމީ ސަލާމަތަށް އުނދަގޫ އަދި ނުރައްކާތެރި ކުރިމަތިވެފައިވާ ކަމަށާއި އެ ކަން ރަނގަޅަށް ދެނެގަނެ ޗައިނާގެ ގައުމީ ސަލާމަތާބެހޭ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފިއެވެ.

ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝީ ވިދާޅުވީ ކޮމިއުނިސްޓް ޕާޓީގެ ހުރިހާ ގުނަވަންތަކާއި ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތައް ވެސް ޗައިނާގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ އުނދަގޫ އަދި ނުރައްކާތެރި ހާލަތު ވަރަށް ރަނގަނޅަށް ދެނެގަންނަން ޖެހޭ ކަމަށާއި އަދި ކުރުމަތިވެފައިވާ ނުރައްކާތަކުން ޗައިނާގެ ގައުމީ ސަލާމަތް ހިމާޔަތް ކުރުމުގެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް ޒަމާނީ ކުރާނެ ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމުގައެވެ.

ޝީގެ ވާހަކައިގައި ޗައިނާގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ އުނދަގޫތަކަކީ ކޮބައިކަމާ އަދި ނުރައްކާތަކަކީ ކޮބައިކަން ވެސް ސީދާ ގޮތެއްގައި ހާމަކުރައްވާފައެއް ނުވެއެވެ. އެކަން އޭނާ ހާމަކުރައްވާނީ އެ ކޮމިޓީއާ އެކު ބާއްވާ ސިއްރު ބައްދަލުވުމެއްގައި ކަމަށް ވަނީ ބެލެވިފައެވެ.

ޗައިނާގެ ރަސްމީ މިޑިއާ ބުނާ ގޮތުން އެ ގައުމުގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ސައިބާ ހަމަލާތަކެވެ. އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރުތަކަށް ބޭރުގެ ފަރާތްތަކުން (އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން) ކުރިމަތިވަމުންދާ ސައިބާ ހަމަލާތަކެވެ.

މީގެ އިތުރުން ޗައިނާއަށް ޖެއްސުންކުރުމަށްޓަކައި ޓައިވާން ކަނޑުއޮޅިއަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން އެމެރިކާއިން ހިންގާ ހަރަކާތްތަކާއި ޗައިނާއިން ވަކިވެގަނެގެން އުޅޭ އެ ގައުމުގެ ޖަޒީރާއެއް ކަމަށްވާ ޓައިވާނަށް ޒަމާނީ ހަތިޔާރާއި އަސްކަރީ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތްތަކަކީ ވެސް ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ އުނދަގޫ އަދި ނުރައްކާތެރި ހާލަތެއް ކަމަށް ޗައިނާ ދެކެއެވެ.

ޓައިވާން ކަނޑުއޮޅިއަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ކޮމާންޑް މަރުކަޒުތައް ހުންނަނީ ޕެސިފިކް ކަނޑުގައި ހުންނަ ގުއާމް ގައެވެ. ގުއާމް އަކީ ޗައިނާއާ ކައިރި ހިސާބެއްގައި ޕެސިފިކް ކަނޑުގައި އޮންނަ އެމެރިކާ ކޮންޓްރޯލްކުރާ ޖަޒީރާއެކެވެ.

ކުރިއަރަމުން އަންނަ ޗައިނާގެ އިގްތިސާދާއި ޓެކްނޮލޮޖީގެ ސަބަބުންނާއި ދުނިޔޭގައި ޗައިނާ މިހާރު އަދާކުރަން ފަށާފައިވާ ޑިޕްލޮމެޓިކް ހަރަކާތްތަކުގެ ސަބަބުންނާއި ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމު އިގްތިސާދީ ގޮތުން ޗައިނާއާ ގުޅާލުމަށް ޗައިނާ ފަށާފައިވާ ބެލްޓް އެންޑް ރޯޑު މަޝްރޫއުގެ ސަބަބުން އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔެގައި ކުޑަވެގެންދާތީ ޗައިނާއާ މެދު އެމެރިކާއާއި އެމެރިކާއަށް ތަބާވާ ސިޔާސަތެއް ގެންގުޅޭ އިނގިރޭސިވިލާތުން ގެންދަނީ އެކިއެކި ޖަމާއަތްތައް ހަދައިގެން ޗައިނާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައާއި އޭޝިއާގެ ފެންވަރުގައި ވަރަށް ވަރުގަދައަށް ހަރަކާތްތެރިވަމުންނެވެ.

މިގޮތުން އެމެރިކާ ވަނީ ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް ދެ ޖަމާއަތެއް އުފައްދާފައެވެ. އެއީ، ޖަޕާން، އިންޑިއާ އަދި އޮސްޓްރޭލިއާ ހިމެނޭ ސިޔާސީ ޖަމާއަތަކާއި އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް އުފައްދާފައިވާ އަސްކަރީ ޖަމާއަތެއް ކަމަށްވާ އައުކަސް ގްރޫޕެވެ. އައުކަސް ގުރޫޕަކީ ސީދާ ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރާ އަސްކަރީ ޖަމާއަތެކެވެ.

ޗައިނާ ދެކޭ ގޮތުގައި ދުނިޔޭގެ މަސްރަހުގައި އެމެރިކާ ކުޅޭ ސިޔާސީ އަދި އަސްކަރީ ކުޅިތަކުގެ މިހާރުގެ މައިގަނޑު ނާރެހަކީ ޗައިނާއަށް ޖެއްސުން ކުރުމެވެ. ޗައިނާ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންނާ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންދާތީ އެކަމަށް ހުރަސް އެޅުމެވެ. އެއް ގޮތަކުން ނޫނީ އަނެއް ގޮތަކުން ޗައިނާއަށް ފިއްތުންތައް ކުރިމަތިކޮށް ޗައިނާ ބަދުނާމު ކުރުމެވެ.

ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅޭނެ ގޮތެއްވޭތޯ ބެލުމަށް ވެސް އެމެރިކާ ގެންދަނީ ކުރެވެން އޮތްހާ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް