ފަސް މަހުން ފަތުރުވެރިންގެ އަދަދު އަށް ލައްކައަށް!

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފުރަތަމަ ފަސް މަސް ނިމުމުގެ ކުރިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އަށް ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދާއްކާގޮތުން، އިއްޔެއާ ހަމައަށް ރާއްޖެއަށް ވަނީ 805،303 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައެވެ. މިއީ ނިމިދިޔަ އަހަރާ އަޅާބަލާއިރު އެއްލަ އިތުރު އަދަދެކެވެ. އަދި ނިމިދިޔަ 2021 ވަނަ އަހަރާ އަޅާބަލާއިރު، ތިން ލައްކަ ފަތުރުވެރިން އިތުރު ޢަދަދެކެވެ.

މި ޢަދަދުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ، މި އަހަރު ފެށުނީއްސުރެ ވެސް އެ މަޤާމް ދިފާޢުކުރަމުން އަންނަ ރަޝިޔާއިންނެވެ. އެގޮތުން ރަޝިޔާއިން ރާއްޖެއަށް 93،630 ފަތުރުވެރިއަކު ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 11.6 ޕަސެންޓެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޓޮޕް މާކެޓުތައް:
1- ރަޝިޔާ: 93،630 ފަތުރުވެރިން
2- އިންޑިޔާ: 93،246 ފަތުރުވެރިން
3- އިނގިރޭސިވިލާތް: 73،105 ފަތުރުވެރިން
4- އިޓަލީ: 60،281 ފަތުރުވެރިން
5- ޖަރުމަނު: 59،850 ފަތުރުވެރިން
6- ޗައިނާ: 45،796 ފަތުރުވެރިން

ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ ހަތްލައްކަ އަށް ވުރެ ގިނަ ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މި މުއްދަތުގައި ރާއްޖެއަށް ފަތުރުވެރިންގެ އަދަދު އަށް ލައްކަ ހުރަސް ކުރި ފުރަތަމަ ފަހަރެވެ.

ނިމިދިޔަ އަހަރު ވެސް ސަރުކާރުން އަންދާޒާ ކުރި 1.6 މިލިއަން ފަތުރުވެރިންނަށް ވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އިރު، މި އަހަރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

comment ކޮމެންޓް