އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކު ދިން ހަމަލާއެއްގައި ޖަރުމަން ކުޅުންތެރިޔަކު މަރުވެއްޖެ

އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކު ހިންގި މާރާމާރީއެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުންދިޔަ ޖަރުމަންގެ 15 އަހަރުގެ ކުޅުންތެރިޔަކު މަރުވެއްޖެއެވެ.

ޖަރުމަން ކްލަބު ޖޭއެފްސީ ބާލިންގެ އުމުރުން 15 އަހަރުގެ އެ ކުޅުންތެރިޔާ މަރުވީ ފްރެންކްފާޓްގައި މިދިޔަ އާދީއްތަ ދުވަހު ކުޅުނު މުބާރާތެއްގެ މެޗެއްގެ ތެރެއިން ފްރާންސްގެ ކްލަބު، އެފްސީ މެޓްޒްގެ އެކަޑަމީ ކުޅުންތެރިޔަކު ހަމަލާދިނުމުން ބޮލަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ.

"އޭއެފްޕީ" އިން ރިޕޯޓުކުރާ ގޮތުގައި ޖޭއެފްސީ ބާލިންގެ ކުޅުންތެރިޔާއަށް މެޓްޒްގެ ކުޅުންތެރިޔާ ހަމަލާދިނީ މެޗުގެ ފުރިހަމަ ވަގުތު ނިމުމާއެކުއެވެ. ބޮލަށް ހަމަލާދިނުމާ ގުޅިގެން އޭނާ ދަނޑުމައްޗަށް ވެއްޓުނު ކަމަށް ހަބަރުތައް ބުނެއެވެ.

އެ މައްސަލައިގެ ތުހުމަތުގައި މެޓްޒްގެ އުމުރުން 16 އަހަރުގެ ކުޅުންތެރިޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފްރެންކްފާޓް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަމުންދިޔަ ނަމަވެސް، މިހާތަނަށް އޭނާގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން މެލްޓްޒް އިން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ މަރުވި ހަބަރާއެކު ކްލަބަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި ގަސްތުގައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެ ކްލަބުގެ ކުޅުންތެރިޔާ އިންކާރުކުރާ ކަމަށެވެ.

comment ކޮމެންޓް