އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިސާއަކަށް 77 ރުފިޔާ ބެހުމަށް ފާސްކޮށްފި

އެސްޓީއޯގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން--- ފޮޓޯ/އެސްޓީއޯ

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. މިއީ ވޭތުވެދިޔަ 16 އަހަރުދުވަހުގެ ތެރޭގައި ހިއްސާގެ ފައިދާ ބެހި އެންމެ މަތީ އަދަދެވެ. މި ޖަލްސާގައި 328 ހިއްސާދާރުން ބައިވެރިވިއެވެ.

އެސްޓީއޯގެ 2022ވަނަ އަހަރުގެ މާލީބަޔާނަށް ބަލާއިރު، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ 742.21 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން--- ފޮޓޯ/އެސްޓީއޯ

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރިއަށް ބަލާއިރު، އެ ކުންފުނިން ވަނީ ރެކޯޑް އާމްދަނީއެއް ހޯދާފައެވެ. މިދިޔަ އަހަރު އެސްޓީއޯއިން 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާއިރު، ވިޔަފާރި ހިންގައިގެން ވެސް ވަނީ އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ. މިއީ އަދި އެސްޓީއޯގެ ރެކޯޑެކެވެ.

މި ޖަލްސާގައި ކުރިއަށްއޮތް އަހަރަށް އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އައްޔަނުކޮށްފައިވަނީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. އެއީ 63،800 ޑޮލަރުގެ އަގަކަށެވެ. ކުރިއަށްއޮތް ދައުރަށް އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާނޭ ޑިރެކްޓަރަކަށް ހޮވުނީ މުހައްމަދު އަހްސަން ސަލީމެވެ.

މި ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ އާއްމު ހިއްސާދާރުން ބޯޑަށް ކުރިމަތިކުރި ސުވާލުތަކަށް ތަފްސީލީގޮތެއްގައި ޖަވާބުދީފައެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ކުންފުންޏެވެ.

comment ކޮމެންޓް