ސައުތް ސިނަމާގެ އެންމެ ކާމިޔާބު ބަތަލާއިންގެ ލިސްޓުގައި ހިމެނޭ ސަމަންތާ ރުތު ޕްރަބޫގެ ހޮލީވުޑް ފުރަތަމަ ފިލްމަކީ "ޗެއްނައި ސްޓޯރީ"ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މިވަގުތު އެމޭޒަން ޕްރައިމްއިން ގެނެސްދޭ އިންޑިއަން ވެބް ސީރީސް "ސިޓަޑެލް"ގެ މަސައްކަތް ނިމުމާއެކު ހޮލީވުޑްގެ މިފިލްމަށް ބަތަލާ ވަގުތު ހުސްކުރާނެއެވެ. އެކްޓަރު ވަރުން ދަވަންއާއެކު ސަމަންތާ މިދުވަސްކޮޅު "ސިޓަޑެލް"ގެ ޝެޑިއުލްތައް ނިންމަންވީ ސާބިއާއަށް ގޮހެވެ.
ބަތަލާ ސަމަންތާއާއެކު ފިލްމު "ޗެއްނައި ސްޓޯރީ"އިން ފެންނާނީ އިނގިރޭސި އެކްޓަރު ވިވެއިކް ކަރްލާއެވެ. ވިވެއިކްއަކީ 2019ވަނަ އަހަރު ރިލީޒްވި ބްރިޓިޝް ކޮމެޑީ ފިލްމު "ބްލައިންޑް ބައި ދަ ލައިޓް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކްޓަރެކެވެ.
ފިލްމު "ޗެއްނައި ސްޓޯރީ"ގެ ޑައިރެކްޓަރަކީ، ބްރިޓިޝް އެކަޑަމީ ފިލްމްސް އެވޯޑްސް ހާސިލުކޮށްފައިވާ ފިލިޕް ޖޯންއެވެ. ޕިލިޕް ޖޯންއަށް ބްރިޓިޝް އެކަޑަމީ އެވޯޑްސް ލިބުނު "ޑައުން ޓައުން"އަކީ ތާރީޚީ ޓެލެޑްރާމާ ސީރީސްއެކެވެ. ޖުމްލަ ހަ ސީޒަން އެކުލެވޭ ޑްރާމާ ސީރީސްއަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ސީރީސްއެކެވެ.
ސަމަންތާއާއި ވިވެއިކް ކަރްލާ މުހިއްމު ރޯލެއް ކުޅޭ މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމުގައި ސަމަންތާ ފެންނާނީ ވިވެކް އިންޑިއާގެ ޗެއްނާއިއަށް ކުރާ ދަތުރުގައި އޭނާއަށް އެހީތެރިވާ ޑިޓެޓްކްޓިވްއެއްގެ ރޯލެވެ. މި ފިލްމުގައި އިންޑިއާ އަދި އިނގިރޭސިވިލާތުގެ ސަގާފަތްތައް ދެއްކުމާއެކު ދެ ގައުމުގެ ސަގާފަތްވެސް ޕްރޮމޯޓްކުރާނެއެވެ.
ފިލްމުގެ ވަރަށް ބޮޑު ބައެއް ޝޫޓްކުރުމަށް ނިންމާފައިވަނީ ޗެއްނާއިގެ އިތުރުން އިނގިރޭސިވިލާތުގައެވެ. މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީވެސް އިނގިރޭސި ބަހުންނާއި ތަމަޅަ ބަހުރުވައިންނެވެ. މިހާރު ކުރިޔަށްދާ "ސިޓަޑެލް"ގެ އިތުރުން ސަމަންތާ އަންނަނީ "ޚުޝީ" ނަމަކަށްކިޔާ ފިލްމެއްގައިވެސް މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެކެއްގައި ފިލްމު ރިލީޒްކުރުމަށް ޝެޑިއުލްކޮށްފައިވާއިރު ސަމަންތާއާއެކު ފިލްމުގައި ފެންނާނީ ސައުތު އެކްޓަރު ވިޖޭ ދެވަރަކޮންޑާއެވެ.