ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ނީނާ" އޯގަސްޓު މަހުގެ ތެރޭގައި އެޅުވުމަށް ތާވަލުކޮށްފިއެވެ.
އިއްލެގެ ނީނާ އަކީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ކާމިޔާބީއާ އެކު 2019ވަނަ އަހަރު އިއުލާނު ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރިލީޒްކުރުން ލަސްވެފައިވާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 2020ވަނަ އަހަރެވެ. ނަމަވެސް ކޮވިޑާ އެކު ފިލްމު ލަސްވި ގޮތަށް އަދި ފިލްމު އެޅުވޭ ގޮތް ވެފައެއް ނުވެއެވެ.
އެންމެ ފަހުން މިހާރު ފިލްމު ނެރޭނެ ތާރީހެއް މިއޮތީ އިއުލާނުކޮށްފައެވެ. ފިލްމު ލޯންޗު ކުރުމަށް ބޭއްވި އިވެންޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ނީނާ އޮލިމްޕަހުގައި ދައްކަން ފަށާނީ އޯގަސްޓު މަހުގެ ހަވަނަ ދުވަހުން ފެށިގެންނެވެ.
މި ފިލްމުގެ 30 ޝޯއެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމު ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި ފިލްމުގެ އާ ޕޯސްޓަރުތަކާއި ޓީޒާތައް ވެސް ވަނީ އާންމުކޮށްފައެވެ.
ފިލްމުގެ ލީޑް ރޯލު ކަމަށްވާ ނީނާގެ ރޯލުން ފެންނާނީ ނުޒުހަތު ޝުއައިބެވެ. ޝޯގެ އިތުރު ރޯލުތަކުން ދެން ފެނިގެންދާނީ ޝަރަފް އަބްދުﷲ އާއި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމެވެ.
މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ކާސްޓުންނާއި ކްރޫއިން ޔަގީންކަން ދެއެވެ. އެގޮތުން ފިލްމަށް ހާއްސަކޮށްގެން ކާސްޓުންގެ ތެރެއިން ބައެއް އެކްޓަރުން ވަނީ މާޝަލް އާޓްސް ޓްރެއިނިން ވެސް ހަދާފައެވެ.