ސައުދީގެ އަލް އިއްތިހާދުން ބެންޒެމާއަށް ބޮޑު ހުށަހެޅުމެއް

ސްޕެނިޝް ލަލީގާގައި އަލްމޭރިއާ ކޮޅަށް ގޯލު ޖެހުމަށްފަހު ރެއާލްގެ ކެޕްޓަން ބެންޒެމާ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއަށް ސައުދީ އަރަބިއާއިން ބޮޑު ހުށަހެޅުމެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކުރާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ބެންޒެމާއަށް އެ ހުށަހެޅުން ހުށަހަޅާފައިވަނީ ސައުދީގެ އަލް އިއްތިހާދުންނެވެ.

ރެއާލާ އެކު ބެންޒެމާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިޔަލަށް ނިމުމަކަށް އަންނައިރު، އަލް އިއްތިހާދުން ދެ ސީޒަނަށް 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު)ގެ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ރެއާލް ދޫކޮށްލުމާ މެދު ބެންޒެމާ އަދި ގޮތެއް ނުނިންމައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުމުރުން 35 އަހަރު ފުރުނު ބެންޒެމާ ވެގެން ގޮސްފައިވަނީ މި ސީޒަނުގައި ވެސް ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށެވެ. ބެންޒެމާ ވަނީ ސްޕެނިޝް ލަލީގާގައި 23 މެޗުން 18 ގޯލު ކާމިޔާބުކޮށްފައެވެ. ލަލީގާގައި އޭނާއަށް ވުރެ އިތުރަށް ގޯލު ޖަހާފައިވަނީ ހަމައެކަނި ބާސެލޯނާގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ.

ސައުދީން ޝައުގުވެރިވާ ހަމައެކަނި ކުޅުންތެރިޔަކީ ބެންޒެމާއެއް ނޫނެވެ. ސައުދީގެ އަލް ނަސްރަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ވެސް ކުޅުމުން އަންނަ އިރު، އަލް ހިލާލުން ވަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހޯދުމަށް 500 މިލިއަން ޔޫރޯ (541 މިލިއަން ޑޮލަރު) ގެ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އޭގެ އިތުރުން ބާސާގެ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ވެސް ސައުދީ ޕްރޯ ލީގުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް