ގްރީންވުޑްގެ ކުރިމަގާ މެދު ޔުނައިޓެޑުން ފަހުގެ ނިންމުން ނިންމަނީ

މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވަޑް މޭސަން ގްރީންވުޑް -- ފޮޓޯ/ ގެޓީ

މޭސަން ގްރީންވުޑްގެ ކުރިމަގާ މެދު ފަހުގެ ނިންމުން ނިންމުމަށް މެންޗެސްޓާ ޔުނައިޓެޑުން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އިނގިރޭސި ފޯވަޑް ގްރީންވުޑްގެ މައްޗަށް ކުރިން އުފުލާފައިވާ ރޭޕް ކުރުމާއި އަނިޔާ ދިނުމުގެ ދައުވާއާ ގުޅިގެން ޔުނައިޓެޑުން ވަނީ އަމިއްލަ ތަހުގީގެއް ފަށައިފައެވެ.

ކްރައުން ޕްރޮސިކިއުޝަން ސާވިސްއިން ވަނީ ގްރީންވުޑަށް އުފުލާފައިވާ އެ ދައުވާތައް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އަނބުރާ ނަގައިފައެވެ. ނަމަވެސް ޔުނައިޓެޑާ އެކު އޭނާގެ ކުރިމަގާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުގެ ތަހުގީގު ނިމުމާ އެކު އެ ކުލަބަށް ކުޅުމުގެ ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމާނީ ޔުނައިޓެޑުގެ އަންހެން ޓީމާއި ޕާޓްނަރުންނާ މަޝްވަރާކުރުމަށް ފަހު ނިންމާ ނިންމުމަށް ފަހުއެވެ.

ޔުނައިޓެޑުގެ ޖާޒީގައި އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ގްރީންވުޑް ފެންނަން ޔުނައިޓެޑުގެ އަންހެން ޓީމުގެ ކުޅުންތެރިން ބޭނުންނުވާ ކަމަށް ޚަބަރުތައް ބުނާ އިރު، އެ ކްލަބުގެ ޕާޓްނަރުންނަށް ވެސް ގްރީންވުޑްގެ މައްސަލައާ ގުޅިގެން ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ރޭޕް ކުރަން އުޅުމާއި އަނިޔާކުރުމުގެ ތުހުމަތުކޮށްފައިވަނީ ގްރީންވުޑް ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް، ހެރިއެޓް ރޮބްސަންއެވެ.

ހެރިއެޓްގެ އިންސްޓާގްރާމް ސްޓޯރީއަށް ވަނީ ވީޑިއޯތަކުގެ އިތުރުން ފޮޓޯ އަދި އޯޑިއޯ ރެކޯޑިންތަކެއް ވެސް ޕޯސްޓުކޮށްފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ހެރިއެޓްގެ ނޭފަތް ފަޅައިގެން ދިއުމުގެ އިތުރުން ގައިގެ އެކި ތަންތަނަށް ޖިސްމާނީ އަނިޔާތައް ދީފައިވެއެވެ.

comment ކޮމެންޓް