ނ. ލަންދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވަނިކޮށް، އެ ކަމަށް ހާއްސަކޮށް ސަރުކާރުން ދީފައިވާ ޕިކަޕުގައި ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ ލަންދޫ ކައުންސިލުގައި ބޭނުންކުރާ ޕިކަޕެއްގައި ރޯކޮށްލައިފައިވާ ކަމަށް ރޭ 4:22 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކަމަކު، އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ލަންދޫ ކައުންސިލުގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ، ޕިކަޕުގައި ރޯކޮށްލީ ކަމެއް ނުވަތަ ރޯވީ ކަމެއް ބުނަން އަދި ނޭނގޭ ކަމަށެވެ.
ނަމަވެސް އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، މި ޕިކަޕު ވަނީ ބަޔަކު ގަސްތުގައި އަންދާލައިފައެވެ.

ލަންދޫގައި ރޯކޮށްލި ޕިކަޕު ---- ޓުވިޓާ ފޮޓޯ
މިކަން ހިނގާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުނި މެނޭޖުކުރުމުގެ މަސައްކަތް ފަށަން ކައުންސިލުން ތައްޔާރުވެފައިވަނިކޮށް ކަމަށް ކައުންސިލު ރައީސް ވިދާޅުވިއެވެ.
"އެކަމަށް ސަރުކާރުން ހަތަރު ލައްކަ ރުފިޔާ ދިން. ދެން ކައުންސިލުން 85،000 ރުފިޔާ ލައިގެން ގެނައި ޕިކަޕެއް އެއީ،" އޭނާ ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި ޕިކަޕުގެ އިންޝުއަރެންސްގެ ރަޖިސްޓްރޭޝަންގެ ކަންކަން އަދި ރަނގަޅަށް ނުނިމޭތީ، ޕިަކަޕަށް އިންޝުއަރެންސް ލިބޭނެ ކަން ޔަގީނެއް ނޫން ކަމަށެވެ.

ލަންދޫގައި ރޯކޮށްލި ޕިކަޕު ---- ޓުވިޓާ ފޮޓޯ
ލަންދޫގައި މީގެ ކުރިން ވެސް މިފަދަ އަލިފާނުގެ އެކި ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ލަންދޫގައި އަޅާފައިހުރި ޕޮލިސް ސްޓޭޝަން ހުޅުވަން ތައްޔާރުވެފައިވަނިކޮށް އެ ތަނުގައި ބަޔަކު ވަނީ ރޯކޮށްލައިފައެވެ. އަދި، އެ ރަށު ސިއްހީ މަރުކަޒުގެ އޮފީސް އިމާރާތުގައި ވެސް މީގެ ކުރިން ވަނީ ރޯކޮށްލައިފައެވެ.
މީގެން އެއްވެސް ކަަމަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް އަދި އެނގިފައިނުވާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެއެވެ.
comment ލަންދޫމާވަޑި
2 year 11 month ago
އެހެންވީމަ ލަންދޫގައި މިއަދުން ފެށިގެން އެއްވެސް ޕްރޮޖެކްޓެއް ހިންގާކަށް ނުފެނޭ. ރައްޔަތުން ނުކުމެ ތިޔަ ކަމެއް ކުރި ބަޔަކު ހޯދާ އެބަޔަކަށް ބޮޑު އަދު ދޭން އެބަޖެހޭ. އަޅާ ނިމިފަހުރި ޕޮލިސް ސްޓޭޝަނުގަ ރޯކޮށްލީ ސިއްހީ މަރުކަޒުގަ ރޯކޮށްލީ ކުނި ނަގަން ގެނައި ޕިކަޕްގަ ރޯކޮށްލީ. މީދެން ފުކެއް ބޮޑުވަރު ދޯ؟ އަނެއްކާ ތިރަށުގައި އމިއްލަ މީހަކު ޕިކަޕެއްގައި ކުނި އުކުމުގެ މަސައްކަތް ހިންގާތަ؟ ހިންދީ ފިލޮމު ބެލެންޏާ މިކަހަލަ ގޮތަކަށް ވެސް ފެންނާނެ.
comment އިބްރާހީމް
2 year 11 month ago
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ