ފާއިތުވި ރަމަޟާން މަހު އާންމުންނަށް ލިބުމުގައި އެންމެ ބޮޑަށް ދަތިވި އެއް ބާވަތްކަމަށްވާ ކާށި އަދި ކަރާ ޗަމްޕާ ބްރަދާސްގެ ފަރާތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހަދިޔާކުރުމުން އެ ތަކެތި އާންމުންނަށް ބެހުމުގައި މާލޭ ސިޓީ ކައުންސިލުން ހަމަޖެއްސި އިންތިޒާމުތަކަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ސިޓީ ކައުންސިލަށް ޝުކުރު އަދައިކުރައްވައިފިއެވެ.
މާލޭ ސިޓީ ކައުންސިލަށް އުއްޗު ޝުކުރު އަދައިކުރެއްވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުއްޗު ވެދެއްވި އެހީތެރިކަން އަގުވަޒަންކުރުމުގެ ގޮތުން ރޭ އޮތް ހަފްލާގެ ތެރެއިންނެވެ.
އުއްޗު ވިދާޅުވީ ކަރާއާއި ކާށި ބެހުމުގައި މާލޭ ސިޓީ ކައުންސިލުން ރާވައިފައިހުރި އިންތިޒާމުތައް ފުރިހަަމަކަށެވެ.

މާލޭގެ މޭޔަރު މުއިއްޒުއާއި މުހައްމަދު މޫސާ (އުއްޗު) -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
ރޭގެ ހަފްލާގައި އުއްޗު ވެދެއްވި އެހީތެރިކަން އަގުވަޒަން ކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުންވަނީ އުއްޗުއަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުމެއް އަރުވައިފައެވެ.
މި ފިލައާއި ލިޔުން ހަވާލުކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވިދާޅުވީ އުއްޗު ވެދެއްވި އެހީތެރިކަމަކީ ރައްޔިތުން ބަލައިިގަތް ކަމެއް ކަމަށެވެ.
ޗަމްޕާ ބްރަދާޒްގެ ފަރާތުން މާލޭގެ ރައްޔިތުންނަށް ބެހުމަށް ޓަކައި 10 ޓަނު ކަރައާއި 50،000 އަށްވުރެ ގިނަ ކާށި ވަނީ ހަދިޔާކޮށްފައެވެ. އެގޮތުން 3،524 މީހަކަށް 50،375 ކާށި ދޫކޮށްފައިވާއިރު، 2،325 މީހަކަށް 4650 ކަރާ ވަނީ ބަހައިފައެވެ.

މާލޭގެ މޭޔަރު މުއިއްޒު އުއްޗުއަށް ހަނދާނީ ފިލާ އަރުވަނީ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
ކާށި ބެހުން ކުރިއަށް ގެންގޮސްފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. ކަރާ ބެހުން ކުރިއަށްގެންދިޔައީ 27 އޭޕްރީލްގައެވެ.
އެންމެ ފުރަތަމަ ހަދިޔާކުރި ކާށި ހުސްވުމާއެކު ފަހުން ވެސް ޗަމްޕާ ބްރަދާޒްއިން ކާށި ހަދިޔާކޮށްފައިވެއެވެ.