ހުޅަނގުގެ މީޑިއާތަކުން ޒާތީ ގޮތުން ދިމާކުރި: އެރުދުޣާން

އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެރުދުޣާން ރައްޔިތުންނާ މުޚާތަބު ކުރައްވަނީ

އިސްތަންބޫލް (29 މެއި 2023): ތުރުކީގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ހުޅަނގުގެ މިޑިއާ ތަކުން އެ ގައުމުގެ ރައިސް ރަޖަބް ތައްޔިބު އެރުދުޣާނާ ޒާތީ ގޮތުން ވަރަށް ބޮޑަށް ޖައްސާލައި ފާޑުފާޑުގެ ދޮގު ޕްރޮޕަގެންޑާތައް ފަތުރަމުން ދިޔަކަމަށް އެރުދުޣާން ތުހުމަތު ކުރައްވައިފިއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އިސްތަންބޫލްގައި ބޭއްވި ރައްޔިތުންގެ އެއްވުމެއްގައި ވާހަކަދައްކަވަމުން އެރުދުޣާން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގައި އޮންނަނީ ޕްރައިވެޓް މީޑިއާއެއް ނަމަވެސް އެއީ އެ ގައުމުތަކުގެ ދައުލަތުގެ މަސްހަލަތާ އެއްގޮތަށް ހަރަކާތްތެރިވާ އަދި ދައުލަތުގެ ޕްރޮޕަގެންޑާތައް ފަތުރާ ޕްރައިޓް މީޑީއާތަކެއް ކަމުގައެވެ.

ހުޅަނގުގެ ގައުމުތަކުގެ މީޑިއާ ތަކުން ޗައިނާއާއި ރަޝިއާ ފަދަ ހުޅަނގާ ދެކޮޅު ގައުމުތަކުގެ މީޑިއާތައް ސިފަކުރަނީ ސްޓޭޓް ކޮންޓްރޯލް ކުރާ މިޑިއާތަކެއްގެ ގޮތުގައެވެ.

އެރުދުޣާން ވިދާޅުވީ ހުޅަނގުގެ މީޑިއާ ވެސް ވަކި ސަހަލު ނޫން ކަމަށާއި ހުޅަނގުގެ މީޑިއާއަކީ އެ ގައުމުތަކުގެ ދައުލަތުގެ މަސްހަލަތާ އެއްގޮތަށް ހަރަކާތްތެރިވާ އަދި ދައުލަތުގެ ޕްރޮޕަގެންޑާތައް ފަތުރާ ޕްރައިވެޓް މީޑީއާ ތަކެއް ކަމުގައެވެ.

އެރުދުޣާން އަކީ އެމެރިކާއާއި ޔޫރަޕަށް ތާއީދު ނުކުރައްވާ އަދި ހުޅަނގުގެ ފަހަތުން ނުދުވެ އަމިއްލަ ނަފުސަށް ބަރޯސާވާ މިނިވަން މުސްތަގިއްލު ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅަކަށްވާއިރު އޭނާގެ ވާދަވެރިޔާ އަދި ތުރުކީގެ އިދިކޮޅު ލީޑަރު ކަމާލް ކެރިޗްދަރޮގްލޯ އަކީ ހުޅަނގަށް ލަގަން ދޫކޮށްލައްވައި ހުޅަނގުގެ ޕަޕަޓެއްގެ ގޮތުގައި ވެރިކަން ކުރައްވާ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ.

އެމެރިކާއާއި ޔޫރަޕްގެ މީޑިއާތަކުން ގެންދިޔައީ އެރުދުޣާންއަށް މަލާމާތާއި ފުރައްސާރަކުރުމުގެ އިތުރުން އޭނާއަކީ ޑިކްޓޭރެއް ކަމަށް ސިފަކޮށް އެރުދުޣާންގެ ވާދަވެރިޔާ ކަމާލް ކެރިޗްދަރޮގްލޯ އަކީ ތުރުކީގެ ޑިމޮކްރެޓިކް ލީޑަރުގެ ގޮތުގައި ސިފަކޮށް އޭނާއަށް ތާރީފު ކުރަމުންނެވެ.

ހުޅަނގުން އެރުދުޣާން ދެކެ ރުޅިއަންނަ ސަބަބުތަކުގެ ތެރޭގައި އޭނާގެ ވެރިކަމުގައި ތުރުކީ ހުޅަނގު ބުނާ ގޮތްތައް ނުހެދުމުގެ އިތުރުން ތުރުކީގައި ގެއްލިފައިވާ އިސްލާމީ އައިޑެންޓިފިކޭޝަން އަލުން އަނބުރައި އިއާދަކުރުމުގައި އެރުދުޣާން ކާމިޔާބު ހޯއްދެވުމާއި ޔޫރަޕްގައި ފެތުރެމުން އަންނަ އިސްލާމީ ވަންތަކަމާއި އިސްލާމީ ނުފޫޒަށް އެރުދުޣާން ބެކިން ދެއްވުން ހިމެނެއެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ ނަމުގައި، މުސްލިމުންގެ ތެރެއަށް ފަތުރަން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން މަސައްކަތްކުރާ ލެބަރަލިޒަމް ގައި ހިމެނޭ ލާދީނީ އަދި ބަދުއަޚުލާގީ އަމަލުތަކާ ދެކޮޅަށް އެރުދުޣާން ފާޅުގައި މަސައްކަތް ކުރެއްވުމަކީ ވެސް އެރުދުޣާން ދެކެ ހުޅަނގުން ރުޅިއަންނަ މައިގަނޑު ކަމެކެވެ.

ހުޅަނގުގެ ލެބަރަލިޒަމްގައި ހިމެނޭ ބަދުއަޚުލާގީ އަމަލުތަކުގެ ތެރޭގައި އެއްޖިންސުން ޖިންސީ ގުޅުންތައް ހިންގުން ހުއްދަކުރުމާއި ކައިވެންޏާ ނުލައި އާއިލާ އުފެއްދުމާއި އެއްޖިންސުގެ މީހުން ކައިވެނިކުރުން ހުއްދަކުރުންފަދަ މުޑުދާރު ބަދުއަޚުލާގީ އަދި އިންސާނީ ނަސްލު ފަނާވުމަށް މަގުފަހިވާ އަމަލުތައް ހިމެނެއެވެ.

އެރުދުޣާން ވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުން ފަތުރާ އިންސާނީ ތަބީއަތާ ޚިލާފު ބަދުއަޚްލާގީ އަމަލުތަށް ކުށްވެރި ކުރައްވައި އެ އަމަލުތައް ތުރުކީގައި ހުއްދަދެވޭ ކަމަކަށް ނުހެދޭނެ ކަމަށް ވިދާޅުވެފައެވެ.

އެރުދުޣާން ވިދާޅުވި ގޮތުގައި ހުޅަނގުގެ މީޑިއާ ތަކުން ގެންދިޔައީ އޭނާއާ ދެކޮޅަށް ކާޓޫނު ވެސް ކުރަހައި އޭނާގެ ވެރިކަމަކީ ނުބައި ވެރިކަމެއްކަން ތުރުކީގެ ރައްޔިތުންނަށް ވިސްނައިދޭން އިންތިހާއަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ތުރުކީގެ ރައްޔިތުންގެ ތައުލީމީ ފެންވަރު މަތިވެފައި ހޭލުންތެރިކަން ބޮޑުކަމުން ހުޅަނގުގެ ޕްރޮޕަގެންޑާތަކުގެ ހަގީގަތް އެނގޭތީ އޭގެ ދަލުގައި ތުރުކީގެ ގިނަ ބަޔަކު ނުޖެހުނީ ކަމަށް އެރުދުޣާން ވިދާޅުވިއެވެ.

އެރުދުޣާންގެ ވެރިކަން ދިގުލީ ނަމަވެސް އަދި ސޫރިޔާ ހަލާކު ކޮށްލުމުގައި އޭނާގެ ދައުރު ކިތަންމެ ބޮޑު ނަމަވެސް އަދި ގިނަ ބްލަޑާސްތަކެއް އެރުދުޣާން ހައްދަވާފައިވީ ނަމަވެސް އޭނާގެ ވެރިކަމުގައި ތުރުކީ ވަނީ ހުރިހާ ގޮތަކުން ވެސް ބަދަލުކޮށްލާފައެވެ.

ތުރުކީއަކީ 98 އިންސައްތަ މުސްލިމް ގައުމެއް ނަމަވެސް އެރުދުޣާންގެ ކުރީގައި ތުރުކީގެ އިސްލާމީ އައިޑެންޓިފިކޭޝަން އޮތީ ގެއްލިފައެވެ. ނަމަވެސް އެރުދުޣާންގެ ވެރިކަމުގައި ތުރުކީގައި ވަނީ އަލުން އިސްލާމީ ވަންތަކަން އުފައްދާފައެވެ. ގެއްލުނު އިސްލާމީ އައިޑެންޓިފިކޭޝަން އަނބުރައި ހޯދާފައެވެ.

ކުރިން ތުރުކީއަކީ އެމެރިކާއަށް ޕަޕެޓް ހެދިގެން އެމެރިކާ ބުނާހާ ގޮތެއް ހަދައިގެން އެމެރިކާ ފަސްޓް ޕޮލިސީ ކަމަށް ހަދައިގެން ހުޅަނގަށް ސަލާން ޖަހައިގެން އުޅުނު އިގްތިސާދީ ގޮތުން ބަލިކަށި މާ ބޮޑު އުފެއްދުންތެރިކަމެއް ނެތް ގައުމެކެވެ.

ނަމަވެސް އެރުދުޣާން ވަނީ އެމެރިކާ ފަހަތުން ނުދުވާ އަދި ހުޅަނގަށް ސަލާންޖަހަން ނުޖެހޭ މުސްތަގިއްލު ސިޔާސަތެއް ގެންގުޅޭ އަމިއްލަ ވަންތަކަން އޮންނަ ބާރުގަދަ ގައުމަކަށް ތުރުކީ ހައްދަވާފައެވެ. އިގްތިސާދަށް ބަލާއިރު އުފެއްދުންތެރިކަމާއި ސިނާއަތު ވަރަށް ކުޑަ ގައުމަކުން އެރުދުޣާންވަނީ ދެކުނު ކޮރެއާ ފެންވަރަށް ސިނާއީ ގޮތުން ކުރައަރަމުން އަންނަ އަދި ހުރިހާ އެއްޗެއް ވެސް އަމިއްލައަށް އުފެއްދޭވަރުގެ އިގްތިސާދީ އިންފްރާސްޓްރަކްޗަރު ވަރުގަދަ ގައުމަކަށް ތުރުކީ ހައްދަވާފައެވެ.

ވެރިކަމުގެ ނިޒާމަށް ބަލާއިރު ތުރުކީއަކީ ކުރިން ސިފައިންގެ އިންގިލާބުތައް އަންނަ ސިފައިން ވެރިކަމަށް އަތްގަދަކުރާ ގޮތަށް އޮންނަ ގައުމެކެވެ. ނަމަވެސް އެރުދުޣާން ވަނީ ތުރުކީއަކީ ސިފައިންގެ ސިޔާސީ ބާރުނެތް އަދި ސިފައިންނަކީ އެ މީހުންގެ ދާއިރާގައި ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި އޮންނަ ޒަމާނީ ޑިމޮކްރެޓިކް ގައުމަކަށް ހައްދަވާފައެވެ.

ތުރުކީގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރުން އެރުދުޣާން ކާމިޔާބު ކުރެއްވީ ވޯޓުގެ 52.15 އިންސައްތަ ހޯއްދަވައިގެންނެވެ. އޭނާގެ ވާދަވެރިޔާ ހުޅަނގުގެ ޕަޕެޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރާ އިދިކޮޅު ލީޑަރު ކަމާލް ކެރިޗްދަރޮގްލޯއަށް ލިބިވަޑައިގަތީ ވޯޓުގެ 47.86 އިންސައްތަ ވޯޓެވެ.

comment ކޮމެންޓް