ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އިތުރު އެހީތެރި ކަމަކާ ނުލައި، އިންތިޚާބުތަކުގައި އަމިއްލައަށް ވޯޓު ލެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ޓެމްޕްލޭޓެއް މިއަދު ތައާރަފްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.
އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ، އެ ގާނޫނުގައި ވާ ގޮތުން ފެނުމުން މަހުރޫމް ވެފައިވާ މީހުންނާއި ޖިސްމާނީ ނުކުޅެދުންތެރިކަން ތަހައްމަލް ކުރާ އެންމެން ވޯޓު ލަމުން އައިސްފައިވަނީ އެހެން މީހެއްގެ އެހީތެރި ކަމާ އެކު ކަމަށެވެ. އެކަމުގެ ސަބަބުން ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ގާނޫނުން ކަށަވަރު ކޮށްދޭ އެތައް ހައްގެއް ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިސްލާހާއެކު ސަރުކާރުން ވަނީ ވޯޓު ކަރުދާހާ އެއްވަރުގެ އެތެރެ ފެންނަ ޓެމްޕްލޭޓެއް ތައާރަފްކޮށްފައެވެ. އެ ފައިލުގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ކަނޑާފައި ހުންނަ އިރު، އަތްލުމުން އިހުސާސްވާނެ ފަދައިން ކެންޑިޑޭޓު ނަމްބަރު ވެސް ހިމަނާފައިވެއެވެ. އެއީ އޭގެ ތެރެއަށް ވޯޓު ކަރުދާސް ލައްވާ ލެވޭ، ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ބާއްވާ ލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ.
ޖީހާން ފާހަގަކުރެއްވި ގޮތުގައި ދިރިއުޅުމުގެ އެންމެހާ ކަންކަމަށް އެހެން މީހުންނަށް ބަރޯސާ ވާން ޖެހިފައިވާ ބަޔަކަށް ވޯޓުގެ ސިއްރު ނުހިފެހެއްޓުމަކީ އެކަމުގެ ސަބަބުން އެތައް ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ.
މި އިސްލާހަކީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ކުރި މަސައްކަތުން ދީފައިވާ ލަފާގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ އިސްލާހެކެވެ. ލޯފަން މީހުން އިންތިޚާބުތަކުގައި ލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެމްބަރުން ވަނީ މީގެކުރިން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް ބައްދަލު ކޮށްފައެވެ.
ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުން ކުރާ މީހުންނަށް އެ އިންތިޒާމު ހަމަޖައްސައިދީ، ދޭންޖެހޭ އިރުޝާދު ދިނުމަށް، ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަށް އެކަށީގެންވާ ތަމްރީން އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.