ރައީސަށް ވަގަށް ގޮވުމުން ޗެނަލް 13ގެ މައްސަލަ ބަލަނީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން--- ފޮޓޯ/ ބްރޯޑްކޮމް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ނިސްބަތްވާ ގޮތަށް ވަގަށް ގޮވައި، ބްރޯޑްކާސްޓުކުރުމުގައި މުޖުތަމައުގެ އަދަބު އަޚްލާގުގެ މިންގަނޑާ ޚިލާފު ކޮންޓެންޓު ފޮނުވައިފައިވާތީ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ޗެނަލް 13ގެ މައްސަލައެއް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އިއްޔެ ބަލަން ފަށައިފިއެވެ.

ބްރޯޑްކޮމްއިން އެ ޗެނަލުގެ އިސްވެރިންނަށް އެންގި އެންގުމެއްގައިވަނީ އެ ޗެނަލުން މި މަހުގެ 13 އާއި 22ވަނަ ދުވަހު ފޮނުވި ދެ ކޮންޓެންޓެއްގައި އިޖުތިމާއީ މިންގަނޑަށް ނުފެތޭ ބަސްމަގާއި އިޝާރާތް ބޭނުންކޮށްފައިވާކަމަށެވެ.

އަދި މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަަތަ އިއްޒަތާއި ގަދަރަށް އުނިކަން އަންނަފަދަ ބަސްމަގާއި މަންޒަރު ހިމެނޭ ކޮންޓެންޓު ބްރޯޑްކާސްޓުކޮށްފައިވާކަމަށް ބެލެވޭކަމަށެވެ.

ހަމައެއާއެކު ވަކި ފަރާތަކަަށް ބުރަވެ ސައްހަ ނޫން މައުލޫމާތު ބްރޯޑްކާސްޓުކޮށްފައިވާތީ އެ ޗެނަަލަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭކަމަށެވެ.

ބްރޯޑްކޮމުން ވަނީ މި ފެށޭ ޖޫން މަހުގެ 12ވަނަ ދުވަހުގެ 14:00ގެ ކުރިން ޖަވާބުދާރީވުމަށް އަންގައިފައެވެ. އިތުރު ފުރުސަތު ބޭނުންނަމަ އެ މުއްދަތު ހަމަވަމުގެ ކުރިން އެންގުމަށް އެ ކޮމިޝަނުން އަންގައިފައިވެއެވެ.

މީގެ ކުރިން ވެސް އެ ޗެނަލުން ގެނައި ޕްރޮގްރާމެއްގައި ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްވާ ގޮތަަށް ބޭއަދަބީ ވާހަކަތަކެއް ދެއްކި މައްސަލައިގައި ޕްރޮގްރާމެއް ގެނައުން ހުއްޓައިލުމަށް އަންގައިފައިވެއެވެ.

comment ކޮމެންޓް