ރައީސް ޞާލިޙް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޞާލިޙް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފީއަލީ ފެނަކަ އައު އިންޖީނުގެ އާއި އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށް ވާހަކަދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

ފ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ.

ރަށްރަށަށް ވަޑައިގެން ރައީސް ވަނީ އެ ރަށްރަށުގެ ޢާންމު ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވާފައެވެ. އަދި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާ އަދި ރައްޔިތުންނަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން އެ މަނިކުފާނު މަޝްވަރާކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދަރަނބޫދޫ ބަނދަރާއި މަގޫދޫ ފެނަކަ އޮފީސް އިމާރާތާއި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވިއެވެ. އަދި ބިލެތްދޫގެ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ އިތުރުން ބިލެތްދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ހުޅުވައިދެއްވައި، ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތާއި އައިސްޕްލާންޓް އެމަނިކުފާނު ހުޅުއްވައިދެއްވާފައިވެއެވެ.

ރައީސް ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ދަނީ، ރަށްރަށުގެ އާންމު ރައްޔިތުންނާއި ބައްދަލުކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވަމުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިއުމަށް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް