މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ދައްކުވައިދޭ އަދާހަމަ ތަފާސްހިސާބަށް ބަލާއިރު، މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 782،889 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 15.6 އިންސައްތައިގެ ކުރިއެރުމެކެވެ. ހުސްވި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 677،034 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ފަސް ޤައުމު:
- ރަޝިއާ: 91،587
- އިންޑިއާ: 89،619
- އިނގިރޭސިވިލާތް: 71،359
- އިޓަލީވިލާތް: 59،593
- ޖަރުމަނުވިލާތް: 57،274
- ޗައިނާ: 43،411
މި ތަފާސްހިސާބަށް ބަލާއިރު، ޗައިނާއިން ވަނީ ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ 6 ވަނައަށް ޖެހިލާފައެވެ. އޭޕްރިލް މަހު ޗައިނާ އޮތީ މި ލިސްޓްގެ 7 ވަނައިގައެވެ.

ޗައިނާގެ ޝަންގހައިގަ 2010 ވަނަ އަހަރު ބޭއްވި ޝަންގހައި ވޯލްޑް އެކްސްޕޯގައި ރާއްޖޭގެ ސަގާފީ ބޮޑުބެރުގެ އައިޓަމެއް ހުށަހަޅައިދެނީ---
އިތުރު ތަފާސްހިސާބުތަކަށް ބަލައިއިރު، ދުވާލަކު އެވްރެޖް ގޮތެއްގައި 5،437 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިން އެވަރެޖުކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތަކީ 7.8 ދުވަހެވެ.
ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ގޮތުގައި 1241 ތަނެއް ހިންގަމުން އަންނައިރު، މިތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 60،734 އެވެ.
ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ އަދަދު:
- ރިސޯޓް: 174
- ހޮޓެލްސް: 13
- ގެސްޓްހައުސް: 899
- ސަފާރީ: 159
މި އަހަރު ސަރުކާރުގެ އަމާޒަކީ 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަދި އޭގެ ތެރެއިން މަދުވެގެން އެއްލައްކަ ޗައިނާ ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.