ޑުރަގުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން މީގެ ކުރިން ހިންގި ޑުރަގު އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަކުކުރަނީ -- ފޮޓޯ/ ސަން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މި ތިން މީހުން ވެސް ހައްޔަރުކުރީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 32 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުންނާއި 31 އަހަރުގެ އަންހެނެކެވެ. ހައްޔަރުކުރި ތިން މީހުންނަކީ ވެސް ދިވެހީންނެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުމުން ތިން މީހުންގެ ބަންދަށް ވެސް ޖެހީ 10 ދުވަހެވެ. ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 31 އަހަރުގެ އަންހެން މީހާގެ ބަންދަށް 15 ދުވަސް، އަދި 28 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ އުމުރުން 32 އަހަރުގެ މީހާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ތަފުސީލުތައް ހިއްސާކުރި ނަމަވެސް ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް