ކޭ-ޕާކުގެ ބޯޑަށް އައު ޑިރެކްޓަރެއް؛ އަަހަރުގެ ފަހުކޮޅަށް ފްލެޓުތައް ނިންމަނީ

ކޭ ޕާކް ރެޒިޑެންސް ---

ކޭ-ޕާކް ރެސިޑެންސަސް ފްލެޓްތައް ކަސްޓަމަރުންނާ ހަވާލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެތަން ހަވާލުކުރަން މަސައްކަތް ކުރަމުން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މިއަދު ބުނެފިއެވެ.

ހަންބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ، ފްލެޓުތައް ނިންމާ ކަސްޓަމަރުންނަށް ހަވާލުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި އިތުރު މަސައްކަތްތެރިން ގެނައުމަށް ކުންފުނީގެ ފަަރާތުން ފާސްކުރަންޖެހޭ ކަންކަން ފާސްކޮށްފައި ވާކަމަށެވެ.

އެ ކުންފުނީގެ ބަޔާނުން ދޭހަވީ ގޮތުގައި މި މަސައްކަތް ލަސްވަމުން ދަނީ އެ ކުންފުނީގެ އެއް ހިއްސާދާރު އަދި ފްލެޓުތައް ވިއްކުމުގެ ނަމުގައި މަކަރާއި ޙީލަތް ހެދުމުގެ ތުހުމަތުކުރެވޭ ހަސަން މަމްދޫޙު (މަންޑޭ)، ކުންފުނީގެ ބޯޑު ބައްދަލުވުންތައް ބާއްވަން ހުރަސްއެޅުމެވެ. މިކަން ހައްލުކުރުމުގެ ގޮތުން ހަންބޯއިން ވަނީ ކުންފުނީގެ ހިއްސާއަށް ބަދަލު ގެނެސް އައު ހިއްސާދާރަކު ކުންފުނީގެ ބޯޑަށް އައްޔަނުކޮށްފައެވެ.

ހަންބޯ ކުންފުނިން ބުނި ގޮތުގައި، ބޯޑަށް މި އައި ބަދަލާ ގުޅިގެން އެ ކުންފުނިން އެޗްޑީސީ އާއި ދައުލަތުގެ އެހެނިހެން އިދާރާތައް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަމުގެ ދުވެލި ބާރު ވާނެއެވެ.

"މިކަމުގެ ސަބަބުން ކޭ-ޕާކް ޕްރޮޖެކްޓާ ގުޅިގެން މި ކުންފުނީގެ ފަރާތުން އާބަންކޯ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތް ބާރުދުވެލީގައި ކުރެވޭނެ ކަމަށް މި ކުންފުނިން ދެކެމެވެ." ހަންބޯގެ ބަޔާނުގައި ވެއެވެ.

މައިނޯރިޓީ ހިއްސާ އޮންނަ ހަސަން މަމްދޫހް (މަންޑޭ) ---

ހަންބޯގެ ބަޔާނުގައި، މަންޑޭ މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދީ، ލިޔެކިޔުންތައް ހިފަހައްޓާ، ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ސަބަބުން ލިޔެކިޔުންތައް ދަައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް ލިބިފައި ނުވާކަން ފާހަގަކޮށް ބަޔާނުގައި ވަނީ ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތަށް ގޮންޖެހުންތައް ކުރިމަތިވެފައި ވާކަމަށެވެ.

އެހެން ވެގެން ހަންބޯ ކުންފުނިން ވަނީ ފްލެޓްތަކާ ގުޅޭ އެއްވެސް މައްސަލައެއް ވާ ނަމަ އަލުން މައްސަލަ ހުށަހެޅުމަށް ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމަށް އެދިފައި މި މައްސަލާގައި އެ ކުންފުނި ތަމްސީލުކުރުމަށް ކަނޑައަޅާފައިވާ ލޯ ފާމް، ލޯކްރާފްޓް ލޯފާމްގެ އީމެއިލް އަށެވެ.

އެ ކުންފުނީގެ މަސައްކަތްތައް މިހާރު ކުރިއަށް ދާގޮތް ހާމަކޮށް އެ ބަޔާނުގައި ވަނީ، ކޭ-ޕާކް މައްސަލާގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިމަހުގެ 16ވަނަ ދުވަހު ބާއްވާފައި ވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވި މީހުންނަށް ތަފްސީލީ ގޮތެއްގައި ފްލެޓުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށް ބުންޏެވެ.

https://www.sun.mv/177515

މީގެ ކުރިން ހަންބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ، ކުންފުނީގެ ފަރާތުން ތަރައްގީކުރަމުންދާ ކޭ ޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިން، މަމްދޫހާއި ޖައިޝަން ސައީދު ނަމަކަށް ކިޔާ މީހަކު ވިއްކާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ފްލެޓުތަކުގެ އަގުގެ ބަދަލުގައި އަގުބޮޑު މުދާ އެ މީސްމީހުންގެ އަތުން ހޯދާފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މަމްދޫހު ވަނީ ހަންބޯ ކުންފުނިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކޭ-ޕާކް މައްސަލައިގައި މަމްދޫހުގެ އިތުރުން ތުހުމަތުކުރެވޭ ބިދޭސީއަކާއި ދިވެއްސެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. އަދި މި މައްސަލައިގައި ޝާމިލުވާ އާބަންކޯގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. މިފަހުން ފުލުހުން ވަނީ މަންޑޭގެ އޮފީސްތަކެއް ވެސް ރެއިޑްކޮށްފައެވެ.

comment ކޮމެންޓް