އަންނަ އަހަރުގެ ތެރޭގައި ލޯންޗު ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނެ: އަސްލަމް

މިނިސްޓަރު އަސްލަމް ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޕްލޭނިންގް މިނިސްޓްރީ

ދަރުތުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް މި ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖެ ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދަޅުވީ، ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުގައި ތަސައްވުރެއް އެބަ އޮތް ކަމަށާއި ސަރުކާރު ބަދަލުވުމާ އެކު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ރާއްޖެ އޮންނަންވާ ގޮތުގެ ތަސައްވަރެއް ކުރެހުން ކަމަށެވެ.

"ކިތައް ސަރަހައްދަށްތޯ ރާއްޖެ އިންނަންވީ އޭގެން ކޮންމެ ސަރަހައްދެއްގަ ކިތައް ޒޯންތޯ އޭގެން ކޮންމެ ޒޯނެއްގަ އެކުގަވާ ރަށްތައް އެއީ ކިތައްް ކްލަސްޓާތޯ. އޭގެން ކޮންމެ ރަށެއްގަ ހުންނަންވީ ކޮންކަހަލަ ޚިދުމަތް ތަކެއްތޯ،" އޭނާ ވިދާޅުވިއެވެ.

އެގޮތުން އާރުޓީއެލްގެ ޚިދުމަތް ދޭނެ ގޮތް ލިޔެ، ކުރަހާ، އެކަމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ޚަރަދު ބެލުމުގެ އިތުރުން ދަަތުރު ކުރަންވީ ރޫޓުތައް ވެސް ލިޔެ ނިންމާ ފޮތެއްގަ އޮންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހދ. އަތޮޅުގައި ބޭނުންކުރަމުން އަންނަ އާރުޓީއެލް ފެރީތައް ---

މި މަސައްކަތް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ތަފުސީލުކޮށްދެއްވަމުން އަސްލަމް ވިދާޅުވީ ހއ. އާއި ހދ. އާއި ށ. އަތޮޅުގައި އާރުޓީއެލް ޙިދުމަތް ދެމުންދާތާ އަަހަރެއް ވެއްޖެ ކަމަށެވެ. އަދި މިހާރު ޅ. އަތޮޅުގައި އެ ޙިދުމަތް ފަށައިގެން އުޅޭއިރު، ޖުލައި މަހުގެ ތެރޭގައި ހުވަދޫ އަތޮޅުގައި އެ ޙިދުމަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ރާއްޖެ 2024 ވަނަ އަހަރުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވޭނެ" އަސްލަމް ވިދާޅުވިއެވެ.

ލޯންޗު ފެރީތަކެއް ބޭނުންކޮށްގެން މުޅި ރާއްޖެ ކަނޑު މަގުން ގުޅާލަން ފަށައިގެން އުޅޭ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 14 އޭޕްރީލް 2022 ވަނަ ދުވަހުއެވެ.

ލޯންޗު ފެރީ ޚިދުމަތް ފޯރުކޮށްދެނީ ޒޯންތަކަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއް ގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅެވެ. ދެވަނަ އާއި ތިންވަނަ ފިޔަވަހީގެ ޒޯން ދޭއްގައި ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭއިރު ޒޯން ތިނެއްގައި ހިމެނެނީ ކ. އއ. އދ. އަދި ވ. އަތޮޅެވެ.

ޒޯން ހަތަރެއްގައި މ، ފ، ދ، ތ އަދި ލ ހިމެނޭއިރު، ޒޯން ފަހެއްގައި ހިމެނެނީ ގއ އަދި ގދ އަތޮޅު (ހުވަދޫ އަތޮޅު)އެވެ. ޒޯން ހައެއްގައި ހިމެނެނީ ސ. އަތޮޅާއި ޏ. އަތޮޅެވެ.

comment ކޮމެންޓް