މިއަހަރުގެ އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ މާލޭގައި އިއްޔެ ބާއްވައިފިއެވެ.
މި އެކްސްޕޯއަކީ މެލޭޝިއާގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯއެވެ. މި އެކްސްޕޯ އިންތިޒާމު ކުރަނީ މެލޭޝިއާގެ އެންމެ ބޮޑު އެއް އެޑިއުކޭޝަން ކޮންސަލްޓެންޓް 'ކިއު ސްޓަޑީ' އިންނެވެ.
މީރުމާ އިވެންޓްސްގައި ދެދުވަހަށް ބޭއްވާ މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މެލޭޝިއާގެ ހައި ކޮމިޝަނަރު ބަދްލީ ހިޝާމް އާދަމެވެ.
ހައި ކޮމިޝަނަރު ވަނީ އެކްސްޕޯގައި ބައިވެރިވެ އެކްސްޕޯ ބައްލަވާލާފައެވެ.
އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ 2023 -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުއްﷲ
މި އެކްސްޕޯ ޅ. ނައިފަރުގައި މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ހޯމަ ދުވަހު ބ. އޭދަފުށީގައި އަދި ބުދަ ދުވަހު ފުވައްމުލައް ސިޓީގައި މި އެކްސްޕޯ ކުރިއަށްދާނެއެވެ.
މި އެކްސްޕޯގައި ސްކޮލަޝިޕް ހޯދަން އެހީތެރިވުމުގެ އިތުރުން ޔުނިވާސިޓީތައް ތަމްސީލް ކުރާ މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމާއި ކުރިއަށްދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް ކެރިއާ ގައިޑެންސް ވަނީ ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ޔުނިވާސިޓީތަކުން ޕްލޭސްމަންޓް ހަމަޖައްސައިދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ 2023 -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުއްﷲ
ކިއު ސްޓަޑީއިން ބުނި ގޮތުގައި މާލޭގައި ކުރިއަށްދިޔަ އެކްސްޕޯގައި ވެސް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މިއީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި ކުރިއަށް އޮތް ތަނުގަ ވަރަށް އަވަހަށް ޔުނިވަސިޓީތަކުން ޕެލޭސްމެންޓް ލިބުނު ދަރިވަރުންގެ ލިސްޓު އިއުލާންކުރާނެ ކަމަށެވެ.
މި އެކްސްޕޯއަކީ ކިއު ސްޓަޑީން 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކްސްޕޯއެކެވެ.
އެ ކުންފުނިން ވަނީ މީގެ ކުރިން ބާއްވާފައިވާ އެކްސްޕޯތަކުންވެސް ރާއްޖޭގެ ގިނަ ދަރިވަރުންނަށް މެލޭޝިއާގެ އެންމެ ރަނގަޅު ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.