މި އަހަރުގެ ފުރަތަމަ ޔޫތް ލީޑާސް ފޯރަމް ކޮޅުފުށީގައި ފަށައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ފޮޓޯ/ ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީން އިންތިޒާމު ކޮށްގެން ޒުވާން ލީޑަރުން ބިނާކުރަން ބާއްވާ މި އަހަރުގެ ފުރަތަމަ ފޯރަމް މ. ކޮޅުފުށީގައި ފަށައިފިއެވެ.

މި ފޯރަމްގައި މ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ.

ފޯރަމް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުاللهއެވެ. ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު ވިދާޅުވީ ،ފޯރަމް ވެގެންދާނީ ކޮޅުފުއްޓާއި މ. އަތޮޅަށް ވެސް ވަރަށް މުހިއްމު ފޯރަމަކަށް ކަމަށެވެ.

އިމްރާން ވިދާޅުވިގޮތުގައި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ޒުވާނުން ބިނާކުރުމަށް ދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ގައުމިއްޔަތުގެ އަސާސްތަކާ އެކުގައި ޒުވާނުން ތަރުބިއްޔަތުކޮށް ބިނާކުރުމަކީ ކުރިއަރާ ދިއުމަށް ވަރަށް މުހިއްމު ކަމެކެވެ.

"ގައުމެއް ބިނާވާނީ, ގައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެ ގައުމެއްގެ ޒުވާން ޖީލަކީ އިލްމީ، ގާބިލް އަދި ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއި ޒުވާނުންނާއެކު ކުރެވޭ މަސައްކަތަކީ ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށްބޮޑަށް މަގުފަހިވާ ކަމެއް ކަމަށެވެ.

މި ފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ "ޒުވާން އިސްވާރުން" މި ޝިއާރުގެ ދަށުންނެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް ލީޑާސް ނެޓްވޯކްގެ އެޑްވައިޒަރީ ބޯޑްގެ މެންބަރު އަލީ ޒަކީ ވިދާޅުވީ ދެ ޒަވިޔަންޏަށް ވިސްނައިގެން މަސައްކަތްކޮށްފިނަމަ ޒުވާނުންގެ ކުރިމަގި ވަރަށް އުޖާލާވާނެ ކަމަށެވެ.

"ޒުވާނުންނަކީ ޒިންމާދާރު ބައެއް. އެހެންވީމަ ޒުވާނުން ޒިންމާދާރުކަމާއެކުގައި ކުރިއަށް ގޮސްފިނަމަ ގައުމު ތަރައްގީ ކުރުމަކަށް ހުރަހެއް ނޯންނާނެ." އަލީ ޒަކީ ވިދާޅުވިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމްގައި މައިގަނޑު ނުވަ ސެޝަނެއް ހިމެނެއެވެ. އޭގެތެރޭގައި ޓީމް ބިލްޑިން އާއި ލައިފް ސްކިލްސް އާއި ދިވެހިންގެ ވާހަކަ އާއި ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް އަދި އަމާން ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ބައިވެރިވުމުގެ މުހިއްމު ކަމާގުޅޭ ސެޝަންތައް ހިމެނެއެވެ.

ސެޝަންތައް ނަންގަވައިދެއްވަނީ އެ ދާއިރާތަކުގެ އިލްމާއި ތަޖުރިބާ ހުރި ބޭފުޅުންނެވެ.

comment ކޮމެންޓް