މަކުނުދޫ އަލްފާގެ އަނދާ އަޅިއަށް: ދިރިއުޅުން ސުމަކުން ފަށަން ޖެހި ބޮޑު ހިތާމައެއް!

ރޭ 7:45 ހާއިރު މުޅި މަކުނުދޫ ހޭލައްވާލީ އެ ރަށު އަލްފާ ގޭގައި ރޯވުމުންނެވެ. ރަށުގެ ރައްޔިތުން ނުކުމެ އެއްބައިވަންތަކަމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ފެށީއެވެ.

އަލިފާނުގެ ހާދިސާގައި އެ ގެ އެއްކޮށް އަނދާ އަޅިއަށް ވީއެވެ. އެ އާއިލާއިން "ސަން"އާ ވާހަކަ ދެއްކި މުހައްމަދު ލުތުފީ ކިޔައިދިންގޮތުގައި މިހާރު ވަގުތީ ގޮތުން އެންމެން ވަނީ އެ މީހުންގެ އާއިލާގެ ގެއަކަށް ބަދަލުކޮށްފައެވެ. އަލިފާން ރޯވެފައިވާ ސަރަހައްދުގައި ތަހުގީގުކުރުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"މެންޓަލީ އެންމެން ވެސް ވަަރަށް ޑައުންވެފައި ތިބީ. އެކަމަކު ސްޓޭބަލް މިހާރު. ރެޔާ އަޅާބަލާފައި،" ލުތުފީ ބުންޏެވެ.

ލުތުފީ ކިޔައިދިން ގޮތުގައި ފުރަތަމަ ފެނުނު މަންޒަރުތަކުން ބޮޑަށް ބެލެވެނީ ފުރަތަމަ ރޯވީ ގުދަނުގައި ހުރި ކަރަންޓު ބޯޑެއްގައެވެ.

"އެ ހިސާބުން ހުޅުގަނޑު ފަޅައިގެން ދިޔައީ. އަލިފާން ހިފާ ކަހަލަ ބައިވަރު ސާމާނު އެ ތަނުގައި ހުރި،" ލުތުފީ ބުންޏެވެ.

އޭނާ ލަފާކުރާ ގޮތުގައި މި ވީ ގެއްލުން އަގުކުރާނަމަ ހަ ލައްކަ ރުފިޔާއާއި އަށްލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް އަރާނެއެވެެ.

އެންމެ ފުރަތަމަ ރޯވި ތަނަކީ ކުރިން ފިހާރައެއް ހިންގި ތަނެކެވެ. ދެން ހުރީ ގުދަން ބައެވެ. މިހާރު އެ ތަން ހުންނަނީ ބަދިގެއަކާއި ކާގެއަކަށް ބަދަލުކޮށްފައެވެ.

އަލްފާގޭގައި ހިންގި ފިހާރައިގައި ރޯވެފައި --

އަލިފާން ރޯވެ މާ ގިނައިރުތަކެއް ނުވެ ރައްޔިތުންނާއި ފުލުހުން އެ ތަނަށް ޖަމާވެ އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. މޫދުން ފެން ނަގައިގެން އަލިފާން ނިއްވުމަށްޓަކައި 500 މީޓަރުގެ ދިގު ހޮޅިއެއް އަޅައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރީ ރައްޔިތުން ގުޅިގެންނެވެ.

ބަދިގެއާއި ކޮޓަރިތަކާދެމެދު ހުރި ފާރު ވެސް ވައްޓާލައި ކޮޓަރިތައް ހުރި ބައިގައި އަލިފާން ރޯވުމުގެ ކުރިން ނިއްވައިލިއެވެ. ނަމަވެސް، އެ ތަނަށް ވެސް ވަނީ އަޅީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.

އާއިލާއަށް ނިސްބަތްވާ ތިން ބެއިން މިހާރު ރަށަށް ދާން މަސައްކަތް ކުރާ ކަމަށް ލުތުފީ ކިޔައިދިނެވެ. އަދި އެ މީހުން ދިއުމުން މަސައްކަތްތައް ރާވައިލައިގެން ކުރަން ފަށާނެކަމަށް ވެސް ބުންޏެވެ.

އަލްފާގޭގައި އަލިފާން ރޯވެފައި --

"އެންމެ ކުޑަ މަރާމާތަކުން ވިޔަސް ދެ ލައްކައެއްހާ ރުފިޔާ ހަރަދު ވާނެކަމަށް ބެލެވެނީ،" ލުތުފީ ބުންޏެވެ.

ލުތުފީ ބުނިގޮތުގައި ރަށުގެ ރައްޔިތުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ކައުންސިލުން މިހާރު ވަނީ ރަށުގައި ފަންޑުފޮށިތަކެއް ވެސް ހުޅުވައިފައި ކަމަށް އޭނާ ކިޔައިދިނެވެ.

އަލިފާނުގެ މި ބޮޑު ހާދިސާއާއެކު އެ އާއިލާގެ މުޅި ދިރިއުޅުން ވަނީ ސުމަކުން ފަށަން ޖެހިފައެވެ. ލިބުނު ކުއްލި ގެއްލުމުގެ ސަބަބުން ތިބީ ކުއްލި ސިހުމަކާއި ހިތާމައެއްގައެވެ.

"މި ވަގުތަށް މެންޓަލީ ވަރަށް ދަށްވެފައި ތިބީ އާއިލާގެ ހުރިހާ ކުދިން ވެސް. މިއީ ވަރަށް ބޮޑު މާޔޫސްކަމެއް،" މިހާރުގެ ހާލަތު ކިޔައިދިނުން ވެސް އޭނާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.

ނޯޓް: މި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާގެ އެދުމެކެވެ.

7730000141104 -- ޒައީމާ މުހައްމަދު

އިތުރު މައުލޫމާތު: މުހައްމަދު ލުތުފީ - 9168279

comment ކޮމެންޓް