ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ ބޯޓެއް އެމްއެންޑީއެފް ކޯސްޓްޑުން އަތުލައިގެންފިއެވެ.
އިއްޔެ އަތުލައިގަން މި ބޯޓާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، "ސަތަސަރާނި 06" ނަމަކަށް ކިޔާ މި ބޯޓު އަތުލައިގެންފައި ވަނީ ވ. އަތޮޅު އިރު އުތުރުން 109 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
ކޯސްޓްގާޑުގެ ޝިޕް ޣާޒީން އަތުލައިގަން މި ބޯޓު މިހާރު ވަނީ މާލެ ގެނެސް ފުލުހުންނާ ހަވާލުކޮށްފައެވެ.
ރާއްޖޭގެ ކަނޑުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޭރުގެ ބޯޓެއް މިދިޔަ ބުދަ ދުވަހު ވެސް ކޯސްޓްގާޑުން ހިފައްޓާފައި ވެއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ބޭރުގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ.
މިދަފަ ބޯޓުތައް ސަރުކާރުން ދޫކޮށްލަނީ ޖޫރިމަނާ ކުރުމަށްފަހު އެ ފައިސާ ދެއްކުމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން އަންނަނީ އަވަށްޓެރި ޤައުމުތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.