ހިޔާ ސަރަހައްދުގައި އޭޓީއެމްއެއް ނެތުމުން ރައްޔިތުންގެ ޝަކުވާ

ހިޔާ ފްލެޓުތައް--- ސަން ފޮޓޯ/ ޢަބްދުﷲ ޙުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހި, ހިޔާ ފްލެޓް ސަރަހައްދުގައި އޭޓީއެމްއެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުން ފާޅުކުރަން ފަށައިފިއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިޔާލު ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ހިޔާ ފްލެޓުގައި ދިރިއުޅޭ މީހަކު ބުނީ، އެ ސަރަހައްދުގައި އޭޓީއެމްއެއް ނެތުމަކީ އާންމު ދިރިއުޅުމަށް އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި މިއީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށާއި މިކަމުގެ އުނދަގޫ ތަހަންމަލް ކުރަން ޖެހެނީ ހަމައެކަނި ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުން އެކަނި ނޫން ކަމަށް އޭނާ ބުންޏެވެ.

"ދެން މީހުން ބުނޭ ފޭސް އެކެއްގަ އެބަ ހުއްޓެއްނުން ހޭ. އެ ކައިރިއެއް ނޫން ހޭ. އެއީ ހަމަ ކައިރި ރަށަކަށް ޚިދުމަތް ހޯދަން ދިޔުން ކަހަލަ ކަމެއް،" އޭނާ ބުންޏެވެ.

މި ޒަމާނަކީ ގިނަ ބަޔަކު އިންޓަނެޓް ބޭންކިން ބޭނުންކުރާ ޒަމާނެކެވެ. އަތުގައި ފައިސާ ނެތްނަމަ ކާޑުން ފައިސާ ދެއްކުމަކީ ގިނަ މީހުންގެ އާދައެކެވެ.

ނަމަވެސް އިންޓަނެޓް ބޭންކިންގައި ވެސް މައްސަލަ ޖެހޭކަން ފާހަގަކޮށް "ސަން"އާ ވާހަކަ ދެއްކި އިތުރު މީހަކު ބުނީ އަތުގައި ފައިސާ ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބޭނުން ވަގުތަކު ހިޔާ ސަރަހައްދުން ލާރި ނެގޭނެ އިންތިޒާމެއް ފަހިވެފައި ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ފޭސް ވަންގަ ވެސް އޭޓީއެމްތަކުގަ ވަރަށް ކިއު ވެސް ދިގު. އެންމެ ފަސޭހަ ގޮތެއް ނޫން އެއީ އެހާ ހިސާބަށް ގޮސް ދިގު ކިއުގަ ޖެހިގެން ތިބޭކަށް ވެސް،" އޭނާ ބުންޏެވެ.

މީގެ އިތުރުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުން ފާހަގަކުރާ އަނެއް މައްސަލައަކީ، ބައެއް ފިހާރަތަކުން ކާޑުން ފައިސާ ނުދެއްކުމެވެ.

"އަނެއްބައި ފިހާރަތަކުން ޓްރާންސްފާ ގަބޫލެއް ނުކުރޭ. އަހަރެން މޭވާ ގަންނަން ދާ ފިހާރައަކަށް ޖެހޭނީ ހަމަ ކާޑުން ނޫނީ ކޭޝްކޮށް ލާރި ދައްކަން،" އޭނާ ބުންޏެވެ.

އެހެންކަމުން އަތުގައި ފައިސާ ގެންގުޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.

މިއީ 23،000އެއްހާ މީހުން ދިރިއުޅޭ ހިޔާ ފްލެޓުތަކަށް ދިމާވާ ގިނަ މައްސަލަތަކުގެ ތެރެއިން އެންމެ މައްސަލައެކެވެ. ހިޔާ ފްލެޓަށް އޭޓީއެމްގެ ޚިދުމަތް ދިނުން މިހާރު ވެސް މާ ލަސްވެފައި ވާކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

comment ކޮމެންޓް