ވޮޝިންޓަން (25 މެއި 2023): އެމެރިކާގެ އިންފްރާސްޓްރަކްޗާ ގެ ނެޓްވޯކުތަކާއި މައިކްރޯސޮފްޓް ކުންފުނިފަދަ އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ސާވާތަކަށް ވަރުގަދަ ސައިބާ ހަމަލާތަކެއް އަމާޒުވެއްޖެކަމަށާއި އެކަމުގެ ފަހަތުގައިވަނީ ޗައިނާކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.
އެމެރިކާގެ ސައިބާ ސެކިއުރިޓީއާބެހޭ އިދާރާތަކާއި އެމެރިކާގެ ބައިވެރިންގެ ގޮތުގައި ބެލެވޭ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ސައިބާ ސެކިއުރިޓީއާބެހޭ އިދާރާތައް ބުނާގޮތުން މި ސައިބާ ހަމަލާތައް އައީ "ވޯލްޓް ޓައިފޫން" ގެ ނަމުގައެވެ. މިހަމަލާތައް ދިން ހެކަރުން ގެ ފަހަތުގައި ޗައިނާ ސަރުކާރު ވާކަމުގެ ހެކިތައް އެބަހުރިކަމަށްވެސް އެ އިދާރާތަކުން ބުނެފައިވެއެވެ.
ސައިބާ މިހަމަލާތަކުގެ ސަބަބުން އެމެރިކާގެ އިންފްރާސްޓްރަކްޗާ އާ ބެހޭ ބައެއް އިދާރާތަކުގެ މަސައްކަތް ހުއްޓިފައިވާކަމަށް އެމެރިކާއިން ބުނެފައިވެއެވެ. ނަމަވެސް އެއީ އަސްކަރީ އިންފްރާސްޓްރަކްޗަރ ކަން ނުވަތަ މަދަނީ އިންފްރާސްޓްރަކްޗަރުކަން ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ސައިބާ ހަމަލާތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކެއްގެ ނެޓްވޯކްތަކަށާއި ސާވާތަކަށެވެ.
އެމެރިކާގެ މައިކްރޯސޮފްޓުން ނެރުނު ބަޔާނެއް ބުނާގޮތުން "ވޯލްޓް ޓައިފޫން" ގެ ނަމުގައި އައި ސައިބާ ހަމަލާތަކާއެކު އެކުންފުނީގެ ބައެއް ސާވާތަކަށްވެސްވަނީ ބުރޫ އަރައިފައެވެ. މިއާއެކު ބައެއް މަސައްކަތްތައްވަނީ ހުއްޓުމަކަށް އައިސްފައެވެ. މިހާރު ކުރިޔަށްދަނީ އެސާވާތައް އަލުން ޚިދުމަތަށް ގެނައުމުގެ މަސައްކަތެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން "ވޯލްޓް ޓައިފޫން" ގެ ނަމުގައި އައި ސައިބާ ހަމަލާތައް ވަރުގަދަކަމުން ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ގުއާމްގެ އަސްކަރީ މަރުކަޒުގެ ނެޓްވާކުތަކާއި ސާވާތަކުގެ މަސައްކަތްވަނީ ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް މިކަން އެމެރިކާ ކަށަވަރުކޮށެއް ނުދެއެވެ. އަސްކަރީ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުވާ ސައިބާ ހަމަލާތަކާބެހޭގޮތުން ވާހަކަ ދެއްކުމަކީ އަދި އެކަން ކަށަވަރުކޮށްދިނުމަކީ އެމެރިކާއިން ކުރާކަމެއް ނޫނެވެ.
ޗައިނާއަށް ޖެއްސުންކުރުމަށްޓަކައި ޓައިވާން ކަނޑުއޮޅިއަށް ގޮސް މުގޯލި އަޅާ އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ކޮމާންޑް މަރުކަޒުތައް ހުންނަނީ ގުއާމް ގައެވެ.
އެމެރިކާގެ މައިކްރޯސޮފްޓް ކުންފުނިން ނެރުނު ބަޔާން ބުނާގޮތުން "ވޯލްޓް ޓައިފޫން" ގެ ނަމުގައި އަންނަ ސައިބާ ހަމަލާތަކަކީ 2021 ވަނަ އަހަރުން ފެށިގެންވެސް އެކްޓިވް އެއްޗެކެވެ. ނަމަވެސް އެނަމުގައި މިފަހަރު ސައިބާ ހަމަލާތައް އައިސްފައިވަނީ އާދަޔާ ޚިލާފަށް ވަރުގަދަކޮށެވެ.
މިފަހަރުގެ ސައިބާ ހަމަލާތަކުގެ ސަބަބުން އެމެރިކާއާއި އޭޝިއާގެ ބައެއް ގައުމުތަކުގެ މެދުގައިވާ ކޮމިއުނިކޭޝަން ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަމަށާއި މިހަމަލާގެ ގެއްލުންތަކުން ސަލާމަތްވުމަށް ދުވަސްތަކެއް ނަގާނެކަމަށް މައިކްރޯސޮފްޓުން ނެރުނު ބަޔާނުގައިވެއެވެ.