ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތްތަކަށް ލަފާދޭ އެޑްވައިޒަރީ ބޯޑެއް އެކުލަވައިލައިފި

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށްޓަކައި ޖަމިއްޔާގެ އެޑްވައިޒަރީ ބޯޑެއް އައްޔަނުކޮށްފިއެވެ.

މި ބޯޑަކީ އެއް އަހަރުގެ މުއްދަތަށް އައްޔަނުކުރެވުނު ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.
މި ބޯޑުގައި ސިއްހީ ދާއިރާގެ ތިން ބޭފުޅަކާއި ފަންނީ ބޭފުޅަކާއި، ޤާނޫނީ ވަކީލެއްގެ އިތުރުން، ޖަމިއްޔާގެ އާންމު މެންބަރުންގެ ތެރެއިން ދެ މެންބަރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި އެންމެހާ މެންބަރުންނަކީ ވެސް ގިނަ ދުވަސްތަކެއްވާންދެން މި ޖަމިއްޔާގެ މަސައްކަތްތަކުގައި އެކިގޮތްގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީ، ކަމުގެ ތަޖުރިބާއާއި ފަންނީ ގާބިލްކަން ހުރި ފަރާތްތަކެއްކަަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި އަހަރުން ފެށިގެން އަންނަ އަހަރުގެ ނިޔަލަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ބޯޑަށް އައްޔަނުކުރެވިފައިވާ މެންބަރުންނަކީ:

1. ޑރ. ޒާކިޔާ އަހްމަދު
2. ޑރ. މުހައްމަދު ސިރުހާން
3. ފާތިމަތު އާސިޔަތު
4. އާމިނަތު ވުލާއު މުހައްމަދު ނާޒިމް
5. އައިޝަތު ޝިފާނާ ވަޖީހު
6. ގާނޫނީ ވަކީލު އައިޝަތު ޝީނާ މުހައްމަދު
7. ރައުދާ މުހައްމަދު

މީގެއިތުރުން، ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ލޯންޗްކޮށްފައިވާ އައިވީއެފް ފަންޑަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 15 ކަމުގައި މިހާރު ކަނޑައަޅައިފައިވާކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ފަންޑުގެ އެހީލިބޭ ފަރާތްތަކަށް ޖުލައި މަސްތެރޭ ރަސްމީކޮށް އެކަން އެންގުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އައިވީއެފް ފަންޑަކީ، މާލީ ދަތިތަކާ ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ މީހުންނަށް ޚާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެ ޖަމިއްޔާއިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި ފަންޑެކެވެ. މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކު ވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބޭނެއެވެ. މިހާތަނަށް ލިބިފައިވާ އެހީތަކާއެކު ޖުމްލަ ފަސް ދެމަފިރިއަކަށް މި އަހަރު ފުރުސަތު ދެވޭނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވެލިފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޚީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރެވޭނެ ކަމަށްވެސް ޖަމިއްޔާއިން ބުނެއެވެ.

އައިވީއެފް ފަންޑަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން ބަލައި ރިވިއުކުރާނީ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީ އިންނެވެ. އަދި އެ ނަންތައް ފާސްކުރާނީ އެޑްވައިޒަރީ ބޯޑުންނެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، މި ކަމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ލިބެންހުރި ފަރުވާތަކުގެ މައުލޫމާތުދީ، އަދި ދަރިމައިވުމުގެ އުނދަގޫތައް ތަހައްމަލުކުރާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި ޖަމްޢިއްޔާއެކެވެ. މިވަގުތު ޖަމިއްޔާގައި 400 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

comment ކޮމެންޓް