އިގްތިސާދާއި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާތަކުގައި އީރާނާއި އިންޑޮނީޝިއާ، 11 އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިޑޯޑޯ އާއި ރައީސީ

ޖަކާޓާ (25 މެއި 2023): އީރާނުގެ ރައީސް އިބްރާހީމް ރައީސީ އިންޑޮނީޝިއަށް ކުރައްވާ ދަތުފުޅުގައި އެގައުމާއި އީރާނާދެމެދު އިގްތިސާދާއި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާތަކަށް ޚާއްސަކޮށްގެން 11 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ބޭނުމަކީ ދެގައުމުގެ ގުޅުންތައް މިހާރަށްވުރެ ބަދަހިކުރުމާއި ދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ދެގައުމުގެ ކަމާބެހޭ ވަޒީރުންނެވެ. އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ ދައުވަތަކަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ޖަކާޓާއަށް ވަޑައިގެންނެވީ މިދިޔަ ހޯމަދުވަހުއެވެ.

މިދަތުރުފުޅުގައި ރައީސީ ވަނީ އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ އިތުރުން އެގައުމުގެ ޕާލަމެންޓްގެ ރައީސް އާވެސް ބައްދަލުކުރައްވާފައެވެ. މިދަތުރުފުޅުގައި އީރާނުގެ ރައީސްގެ އަރިހުގައި އީރާނުގެ ބޮޑު ވަފްދެއް އިންޑޮނީޝިއާއަށް ވަޑައިގަތެވެ.

އީރާނުގެ ރައީސް ޖަކާޓާގައި

މިވަފްދުގައި އީރާނުގެ ބައެއް ވަޒީރުންގެ އިތުރުން އީރާނުގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި ޕްރައިވެޓް ސެކްޓަރުގެ ބައެއް ވިޔަފާރިވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އީރާނުގެ ރައީސާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިންޑޮނީޝިއާގެ ރައީސް ވަނީ އީރާނާއި އިންޑޮނީޝިއާއަކީ އިސްލާމީ ދުނިޔޭގެ ބޮޑު ދެގައުމުކަމަށްވާތީ އެދެގައުމުގެ ގުޅުންތައް ކުރިން އޮތްވަރަށްވުރެ ހަރުދަނާކޮށް ބަދަހިކުރުމުގެ މުހިއްމުކަމާބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

ދެގައުމު ގުޅިގެން ސިނާއަތްތައް ތަރައްގީ ކުރުމާއި އެއްގައުމުން އަނެއްގައުމުގައި އިންވެސްޓްކުރުމަށްވެސް ދެބޭފުޅުންވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެއިތުރުން އީރާނާއި އިންޑޮނީޝިއާއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޮޑުބައި އެދެގައުމުގެ ފައިސާ ބޭނުންކުރުމަށްވެސްވަނީ ދެގައުމުގެ ރައީސުންވަނީ އެއްބަސްވެވަޑައިގެންފައެވެ.

އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މާޒީގައި އީރާނާއި އިންޑޮނީޝިއާގެ އިގްތިސާދީ ގުޅުންތައް ހީނަރުވެފައި އޮތްނަމަވެސް ދެ ގައުމުގެ ދެމެދު މީގެފަހުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޮޑުބައި ޑޮލަރަށް ބަރޯސާނުވެ އެދެގައުމުގެ ފައިސާ ބޭނުންކުރަން ނިންމުމުން ދެގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރަށް ބޮޑަށް ފުޅާކުރެވޭނެ ކަމަށް އެދެގައުމުން ދެކެއެވެ.

އީރާނާއި އިންޑޮނީޝިއާގެ ރައީސުން ބައްދަލުކުރައްވަނީ

އިންޑޮނީޝިއާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އިގްތިސާދީ ބާރެކެވެ. ކުރިއަށްއޮތް 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ހަ ވަނަ އިގްތިސާދީ ބާރަކަށް އިންޑޮނީޝިއާ ވެގެންދާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

ޖީ 20 ގެ ގައުމެއް ކަމަށްވާ އިންޑޮނީޝިއާގެ އިގްތިސާދަކީ 3.5 ޓްރިލިޔަން ޑޮލަރުގެ އިގްތިސާދެކެވެ. އިންޑޮނީޝިއާގެ އާބާދީ އަކީ ގާތްގަނޑަކަށް 375 މިލިޔަން މީހުންނެވެ. ދުނިޔޭގައި ތިންވަނައަށް އެންމެ އާބާދީ ބޮޑު ގައުމަކީވެސް އިންޑޮނީޝިއާއެވެ.

އީރާނަކީ އިގްތިސާދީ ބާރަކަށް ނުވިޔަސް އީރާނަކީ އަސްކަރީ ބާރެކެވެ. އެ ގައުމަކީ ހަތިޔާރާއި ނިއުކްލިޔާ ޓެކްނޮލޮޖީގެ ސިނާއަތުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ އަދި ގުދުރަތީ ރެސޯސްގެ ގޮތުން ވަރަށް މުއްސަނދި ގައުމެކެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދު ހީނަރުވެފައިވީނަމަވެސް ފާއިތުވި ތިރީހަކަށް އަހަރުތެރޭގައި އީރާންވަނީ އެގައުމުގެ މަދަނީ އަދި އަސްކަރީ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ދުނިޔޭގެ ޖޮއޮޕޮލިޓިކަލް މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމުގެ ގިނަ ފުރުސަތުތަކެއް އީރާނަށް މިހާރުވަނީ ތަނަވަސްވެފައެވެ. މީގެތެރޭގައި ޗައިނާ، އިންޑިއާ، ރަޝިއާ އަދި ބްރަޒީލް ފަދަ ބޮޑެތި އިގްތިސާދުތަކާ ވިޔަފާރީގެ މުއާމަލާތްތައް އެމެރިކާ ޑޮލަރާނުލައި ހިންގުމުގެ ފުރުސަތު މިހާރު އީރާނަށް ފަހިވެފައިވުން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް