އާ ތިން ކޯހަކާއެކު އެމްއެންޔޫއިން އޮގަސްޓް އިންޓޭކަށް އެޕްލައިކުރަން ހުޅުވާލައިފި

އެމްއެންޔޫއިން އޮގަސްޓް އިންޓޭކަށް އެޕްލައިކުރުން ހުޅުވާލުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އާ ތިން ކޯހަކާއެކު ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މިއަހަރުގެ އޯގަސްޓް މަހުގެ އިންޓޭކަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން މިއަހަރުގެ އޮގަސްޓް މަހު ފަށަން އިއުލާނުކޮށްފައި ވަނީ ޖުމްލަ 93 ކޯހެކެވެ. އޭގެ ތެރެއިން އަލަށް މިއަހަރު ހުޅުވާލަން މިހާތަނަށް ނިންމާފައިވާ ދާއިރާތަކަކީ ބެޗްލާ އޮފް އިންޖީނިއަރިން އެންޑް އިލެކްޓްރޯނިކްސް، ޑިޕްލޮމާ އިން މެކޭނިކް އިންޖިނިއަރިންގް، މާސްޓާ އޮފް ސައިންސް އިން ޖިއޯ ސްޕެޝިއަލް ޓެކްނޮލޮޖީ ފޯ ޑިޒާސްޓާ މެނޭޖްމަންޓެވެ. މި ހުރިހާ ކޯހަކުން ހުޅުވާލާފައި ވަނީ ޖުމްލަ 5،400 ޖާގައެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ކޯސްތަކަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ޖުލައި މަހުގެ 25ވަނަ ދުވަހާ ހަމައަށެވެ.

ކޯސްތައް އިއުލާނުކުރުމާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، އިތުރު ތިން ކޯހެއްގެ ހުއްދައަށް ވެސް އެމްކިއުއޭގައި އެދިފައި ވާނެކަމަށެވެ. އަދި ހުއްދަ ލިބިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ ކޯސްތަކަށް ވެސް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިވަގުތު އެމްކިއުއޭއިން ހުއްދައަށް އެދިފައި ވާ ކޯސްތަކަކީ ބެޗްލާސް އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް، ބެޗްލާސް އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް އަދި ޕްރޮފެޝަނަލް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ލީޑާޝިޕެވެ.

"މީގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލަން ޕްރޮފެޝަނަލް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ލީޑާޝިޕަކީ މިޑްލް މެނޭޖްމަންޓުގަ މަސައްކަތް ކުރާ ފަތުރުވެރިކަމުގެ ދާއިރާގަ މަސައްކަތް ކުރާ މީހުންނަށް ހުޅުވާލެވިގެން ހިންގޭ ޕްރޮގްރާމެއް. އެ ޕްރޮގްރާމްގެ ބޭނުމަކީ ދެން އިންނަ ލެވެލްއަށް ނޫނިއްޔާ ދެން އިންނަ ލީޑާޝިޕް ރޯލްތަކަށް ރިޒޯޓުތަކުގަ މީހުން އުފެއްދުން،" ޑރ. ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ފަށާ ކޯސްތަކުގެ ތެރޭގައި ފުވައްމުލަކުގައި ފަށަން ނިންމާފައިވާ އައިޓީ ކޯސްތައް ހިމެނެއެވެ. އަދި އޭގެ އިތުރަށް ޕްރޮފެޝަނަލް ސެޓިފިކެޓް ކޯސްތަކެއް އެ ރަށުގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ޑރ. ޝަރީފް ވިދާޅުވީ މިވަގުތު އެންމެ ތަރުހީބު ބޮޑު ކޯހަކީ ނާސިން އާއި މެޑިސިން ކޯސްތައް ކަމަށެވެ. އަދި ޓީޗިންއަށް ދަރިވަރުން އެޕްލައި ކުރާ މިންވަރު ދަށްކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް