ސައުދީން 350 އަށްވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ގައުމީ ޔުނިޥަސިޓީ

ސައުދީ ސަރުކާރުން ދިވެހި ދަރިވަރުންނަށް 350 އަށްވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްތަަކަކީ ހުރިހާ ޚަރަދެއް ސައުދީ ސަރުކާރުން ކުރާގޮތަށް ނިންމާފައިވާ ސްކޮލާޝިޕްތަކެކެވެ. އަދި ސައުދި އަރަބިއްޔާގެ ކޮންމެ ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:

  • ބިޒްނަސް މެނޭޖްމަންޓް
  • މީޑިއާ
  • ކޮމްޕިއުޓާ ސައިންސް
  • ލޯ ސައިންސް
  • އެޑިއުކޭޝަނަލް ސްޕެޝަލްޓީސް
  • ސޯޝަލް ސައިންސަސް
  • އެގްރިކަލްޗާ
  • އިކޮނޮމިކްސް އެންޑް ޕޮލިޓިކްސް
  • އިންޖިނިއަރިން
  • އިސްލާމިކް ސްޓަޑީޒްއާއި ޢަރަބިބަހާއި އެނޫންވެސް ދާއިރާތައް

ސައުދީ އެމްބަސީން ބުނީ ވެބްސައިޓް މެދުވެރިކޮށް، އެ ދަރިވަރަކު ބޭނުންވާ ޔުނިވާސިޓީއަކަށް ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ސައުދީ އެމްބަސީން ބުނީ، އެ ގައުމަކީ މިހާރު އަރަބި ގައުމުތަކުގެ ތެރެއިން މަތީ ތައުލީމުގެ ފެންވަރު އެންމެ ރަނގަޅު ގައުމު ކަމަށެވެ. އެގޮތުން މިހާރު ވެސް އެ ގައުމުން ހިންގާ 27 ޕްރޮގްރާމެއް ދުނިޔޭގެ ރޭންކިންގެ އެންމެ މަތީ 100 ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ކަމަށް އެމްބަސީން ބުންޏެވެ.

ސަޢުދީ ސަރުކާރުން ބުނީ އެ ޤައުމުގެ ކިންގް ޢަބްދުލްޢަޒީޒް ޔުނިވާސިޓީ އާއި، ކިންގް ފަހުދު ޔުނިވާސިޓީ އޮފް ޕްޓްރޯލިއަމް އެންޑް މިނެރަލްސް އާއި، ކިންގް ޢަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި، އިމާމް ޢަބްދުއްރަޙްމާން ބިން ފައިޞަލް ޔުނިވާސިޓީ ފަދަ ޔުނިވާސިޓީތަކަކީ ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް އަދި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޔުނިވަސިޓީތަކެއް ކަމަށެވެ.

comment ކޮމެންޓް