ރެއާލް މެޑްރިޑުން ލިވަޕޫލުގެ ސްކޮޓްލެންޑް ޑިފެންޑަރު އެންޑްރޫ ރޮބާޓްސަން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
މިސީޒަނުގައި ރެއާލަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދިޔައީ އެޓީމުގެ ލެފްޓްބެކްގެ މަގާމެވެ. ސީޒަންގެ އެންމެ މުހިންމު ހިސާބުން ލެފްޓްބެކްގެ މަގާމަށް ކުޅެމުންދާ ފާލެންޑް މެންޑީއަށް އަނިޔާވުމާ ގުޅިގެން އެ މަގާމުގައި ބޭނުންކޮށްފައިވަނީ މިޑްފީލްޑަރެއްގެ ގޮތުގައި ފެނިގެންދިޔަ އެޑުއާޑޯ ކަމަވިންގާއެވެ.
އެ މަގާމުގައި ކަމަވިންގާ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އޭނާ ވަނީ އެ މަގާމަށް ކުޅެން ބޭނުންނުވާ ކަމަށް ޓީމުގެ ބައެއް ކުޅުންތެރިން ކައިރީގައި ބުނެފައެވެ. އަދި މިހާރު ރެއާލުން ވެސް ބޭނުންވަނީ އެ މަގާމަށް ރަސްމީކޮށް ކުޅޭ ކުޅުންތެރިއެެއް ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރެއާލުން ލެފްޓްބެކްގެ މަގާމަށް ބޭނުންވަނީ ލިވަޕޫލުގެ ރޮބާޓްސަންއެވެ. ލިވަޕޫލާއެކު 2026 ގެ ނިޔަލަށް ރޮބާޓްސަން ކޮންޓްރެކްޓް ހަދާފައިވުމުން، ރެއާލުން އެންމެ ކުޑަވެގެން 20 މިލިއަން ޕައުންޑް (50 މިލިއަން ޑޮލަރު) ގެ ބިޑެއް ހުށަހަޅަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 29 އަހަރުގެ ރޮބާޓްސަން، ލިވަޕޫލާ ގުޅުނީ 2017 ވަނަ އަހަރުގެ ތެރޭގައި ހަލް ސިޓީންނެވެ. މިހާރު ރޮބާޓްސަނަކީ އެ ކްލަބުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ލިވަޕޫލާއެކު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓަކާއި އެފްއޭ ކަޕްގެ ތައްޓަކާއި ލީގު ކަޕް ތައްޓެއްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.