އަތުގައި ވަޅި އެޅުމުން ލޭމަނާ ކުރަން އޮޅާލީ ކަނޑަމުންދިޔަ މަހުގެ ހަންގަނޑު

ލޭ މަނާކުރުމަށް މަހުގެ ހަންގަނޑެއް އޮޅާލަނީ--- ފޮޓޯ/ ޓްވިޓާގައި ދައުރުވި ވީޑިއޯއިން ނަގާފައި

ކުރިމަތިވާ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމައި ކަންކަން ކުރުމަށް ޒަމާނުއްސުރެ ދިވެހިން ވަރަށް ކުޅަދާނައެވެ. މިއީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ކަމެކެވެ. ދިވެހިންނަށް ލިބެންހުރި ވަސީލަތްތައް މަދުކަމާއި ޖަޒީރާ ރަށްތަކެއްގައި އެކަހެރިކޮށް އުޅެން ޖެހުމަކީ ސަބަބެއް ކަމުގައި ވެދާނެއެވެ.

އަތުގެ ތަނެއް ކަނޑައިގެން ނުވަތަ މަށައިގެން ގޮސްފިނަމަ ރުކުގެ ފަންތޮށިގަނޑު ބޭރުގައި ހުންނަ ކުޑިތައް ކަހާލުމަށްފަހު ކަނޑައިގެންދިޔަ ތަނުގެ ފަރުވާއަށް އެ ބޭނުންކުރެއެވެ. ބޯ ފަޅައިގެން ގޮސްފިނަމަ ގޭ އުނދުނުގައި ހުރި އަޅިތައް ދައިން ފުނޑާލުމަށްފަހު ފަޅައިގެންދިޔަ ތަނުގައި އަޅައެވެ. މާބޮޑަށް ގައި ހިރުވައި ފިތް ނަގަން ފަށައިފިނަމަ ކުރިމަތީހުރި ހިތިގަހުގެ ފަތް ފެނުކެއްކުމަށްފަހު ފެންގަނޑުން ފެންވަރައެވެ.

އޭރުގެ ދިވެހިން ބުނާ ގޮތުން ނަމަ މި ދެންނެވި ކަންކަމުން ފިސާރި އަވަހަށް ޝިފާވެސް ލިބެއެވެ. މިއީ ވެސް މިކަހަލަ ހާދިސާއެކެވެ.

މަންޒަރުތަކުން ކަށަވަރުވާ ގޮތުގައި މިކަމެއް ހިނގީ މާލޭ މަސްމާރުކޭޓުގައެވެ. މަސްކަނޑަން އުޅުމުގެ ތެރޭގައި ކޮންމެވެސް ގޮތަކުން އަތުގައި ވަޅިންޖެހި ކަނޑައިގެން ދިޔައީއެވެ. އެވަގުތު މަސްކަނޑަން ހުރި އެހެންމީހަކު މަހަކުން ދަމާފައި އޮތް ހަންގަނޑެއް ގެނެސް ކަނޑައިގެން ދިޔަ މީހާގެ އަތުގައި އޮޅާލިއެވެ. ބެލެވޭގޮތުގައި މަހުގެ ހަންގަނޑު އަތުގައި އޮޅާލާފައިވަނީ އެވަގުތަށް ލޭމަނާކުރުމަށެވެ.

ލޭ މަނާކުރުމަށް މަހުގެ ހަންގަނޑެއް އޮޅާލަނީ--- ފޮޓޯ/ ޓްވިޓާގައި ދައުރުވި ވީޑިއޯއިން ނަގާފައި

ކަނޑައިގެން ދިޔަތަނުގައި މަހުގެ ހަންގަނޑު އޮޅަމުން ދިޔައިރު އަތްކަނޑައިގެންދިޔަ މީހާ ހުރީ ވަރަށް ހަމަޖެހިލާފައެވެ. ފެންނަ ފެނުމަށް މިއީ އެ މީހުނަށް އާދައިގެ ކަމެކެވެ. މީގެ ކުރިންވެސް ދިމާވާ މިފަދަ ކަންކަމުގައި އަތުގައި އޮޅާލުމަށް ފޮތިގަނޑެއް ނުލިބިއްޖެ ނަމަ، މިއީ އާދަވެ ކަން ކުރަމުން އަންނަ ގޮތްފަދައެވެ. އެކަމުން ކުރިމަތިވެދާނެ ސިއްހީ މައްސަލައަކަށް ގިނަ ފަހަރަށް ވިސްނައެއް ނުލެވެއެވެ. އެ މީހުންނަށް އާންމު ހަމައެވެ.

މިކަމާއި ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން މެޑިކަލް ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ، ކަނޑައިގެންދާ ތަންތަނުގައި މިގޮތަށް މަހުގެ ހަންގަނޑު އަޅައިގެން ފަސޭހަވާކަމެއް ޑޮކްޓަރީގޮތުން އެނގިފައި ނުވާކަމަށެވެ. އެކަމަކު ފިހިފައި ހުންނަ ތަންތަނުގައި މަހުގެ ހަން ބޭނުންކުރާކަމަށާއި އެހެން ބޭނުންކުރަނީ އެ ހަންގަނޑު ސުޓެރިލައިޒް ކުރުމަށް ފަހުއެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މަހުގެ ހަމަކީ އިންސާނުން ކުރާ ބައެއް ކަހަލަ ސާޖަރީތަކުގައި އޮޕްޝަނަލް ކަމެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ރަސްމީ ބައެއް ލިއުންތަކުން ފެނެއެވެ.

ރޮއިޓާސް އަދި އެންބީސީނިއުސް އިން ވަނީ، 2017 ވަނަ އަހަރު ބްރެޒިލްގެ ރިސާޗް ޑޮކްޓަރުން ކުރި މިފަދަ އޮޕަރޭޝަނެއްގެ ހަބަރު ރިޕޯޓްކޮށްފައެވެ. ބްރެޒިލްގައި ހިނގި އަލިފާނުގެ އެ ހާދިސާގައި ބޮޑަށް ފިހުނު މީހުނަށް ތެލާޕިއާ މަހުގެ ހަންގަނޑު ބޭނުންކޮށްގެން ވަނީ ފަރުވާދީފައެވެ. ނަމަވެސް މިއީ އަޖުމަ ބަލާލުމުގެ ގޮތުން ކުރިކަމެކެވެ.

ބްރެޒިލްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހެއްގެ ފައިގަ ޗަލާޕިއާ ހަން އަޅާފައި--- ފޮޓޯ/ ޑެއިލީ ސަން

މިކަމާއި ގުޅިގެން އޭރު ބްރެޒިލްގެ އުތުރުގެ ފެޑެރަލް ޔުނިވާސިޓީ އޮފް ސީއާރާގެ ސައިންސްވެރިން ކުރި ދިރާސާއަކުން ވަނީ ޗަލާޕިއާގެ ހަންގަނޑު އިންސާނުނަށް ބޭނުންކުރެވިދާނެ ކަމުގެ އުއްމީދެއް ލިބިފައެވެ. ސަބަބެއްކަމަށް ދިރާސާކުރި ޓީމުން ބުނެފައިވަނީ ބޭނުންވާ ބައެއް މާއްދާތައް ބައެއް ކަހަލަ މަހުގެ ހަމުގައި އެކުލެވިގެންވާތީއެވެ.

comment ކޮމެންޓް