ޗައިނާއާއި އެމެރިކާއާ ދެމެދު ފިނިހަނގުރާމައިގެ މާހައުލެއް

ޗައިނާއަކީ ދުނިޔެއަށް އޮތް ބިރެއްގެ ގޮތުގައި ދައްކަން ޖީ ހަތެއްގެ ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ޖީ ހަތެއްގައި ހިމެނޭ ބައެއް ގައުމުތަކަކީ (އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ) ހުޅަނގުގެ ބަސްނާހާ ބައެއް ގައުމުތަކަށް އަސްކަރީ ގޮތުން އަރައިގަނެ ބޮޑެތި ޖަރީމާތަކެއް ހިންގައި އިސްތިއުމާރު ކުރުމުގެ ތާރީޚު އޮތް ގައުމުތަކެއް ކަމަށް ޗައިނާ ވަނީ ސިފަކޮށްފައެވެ.

ޖީ ހަތެއްގެ ގައުމުތަކުން ޗައިނާގެ މައްޗަށް ކުރަމުންގެންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވާ ޗުނިންގް އިއްޔެ ވިދާޅުވީ ޖީ ހަތެއްގެ ގައުމުތަކުން ޗައިނާއާ މެދު ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ ދުނިޔޭގެ އިގްތިސާދާއި ސިނާއަތުގެ މައި އިންޖީނަކަށް ޗައިނާ ވަމުންދާތީއާއި ޗައިނާގެ އިގްތިސާދީ އަދި ވިޔަފާރީގެ ދައުރު ފުޅާވުމާ އެކު ހުޅަނގުގެ ބާރާއި ނުފޫޒަށް ލޮޅުންއަރައި ހުޅަނގުގެ ކޮންޓްރޯލް ދުނިޔެއިން ގެއްލެމުންދިޔުމެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޗައިނާ އަކީ ދުނިޔެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޖީ ހަތެއްގެ ގައުމުތަކުން ސިފަކުރި ނަމަވެސް ދުނިޔޭގެ ގައުމުތައް އެކަން ގަބޫލެއް ނުކުރާނެއެވެ.

އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ޖީ ހަތެއްގެ ގައުމުތަކަކީ އެމެރިކާގެ ފަހަތުން ހަރަކާތްތެރިވާ ހުޅަނގުގެ އެންމެ ބޮޑެތި ސިނާއީ ގައުމުތަކާއި ޖަޕާން ހިމެނޭ ގޮތަށް އުފައްދާފައިވާ އިގްތިސާދީ ޖަމާއަތެކެވެ. އެ ޖަމާއަތުގެ އިސްވެރިންގެ ސަމިޓެއް މިދިޔަ ހަފުތާގައި ޖަޕާނުގެ ހިރޯޝީމާގައި ވަނީ ބާއްވާފައެވެ.

އެ ސަމިޓަކީ ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ ސަމިޓަކަށް ވާނެކަމަށް ބެލެވުނު ނަމަވެސް އެ ސަމިޓް ވެގެން ދިޔައީ ޗައިނާއާއި ރަޝިއާ އާ ދިމާކުރުމުގެ ސިޔާސީ ސަމިޓަކަށެވެ. އާ ފިނި ހަނގުރާމައެއްގެ ބެރު ޖަހަންފެށި ސަމިޓަކަށެވެ.

ހީރޯޝީމާގައި ބޭއްވި ޖީ ހަތެއްގެ ސަމިޓް ސިފަވަނީ ހުޅަނގުގެ ގައުމުތަކުން ޗައިނާއާއި ރަޝިއާއާ ދިމާކޮށް އެ ދެ ގައުމަކީ ދުނިޔެއަށް އޮތް ނުރައްކަލެއްކަން ދެއްކުމުގެ ގޮތުން ހިންގި ފިނި ހަނގުރާމައެއްގެ ހުރިހާ ސިފަތަކެއް އެކުލެވޭ ޑިޕްލޮމެޓިކް ހަރަކާތެއްގެ ގޮތުގައެވެ. އެ ސަމިޓަށް ފަހު ދުނިޔޭގެ ބާރުގެ ދެފަޅި ކަމަށްވާ އެމެރިކާ ފަޅިއާއި ޗައިނާ ފަޅިއާ ދެމެދުގައި އޮތް ނުތަނަވަސްކަން އެ ސަމިޓަށް ފަހު ސީދާ ފިނިހަނގުރާމައިގެ ހާލަތަކަށް ދާން ފަށާފައިވާ ކަމަށް މުރާސިލުން ފާހަގަ ކުރެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން މި ހަފުތާގައި ދެ ފަހަރެއްގެ މަތިން ވަނީ ހީރޯޝީމާގައި ބޭއްވި ޖީ ހަތެއްގެ ސަމިޓްގައި ޗައިނާއާ ދެކޮޅަށް ޖީ ހަތެއްގެ ލީޑަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވާ ޗުނިންގް ވިދާޅުވި ގޮތުގައި ޗައިނާ އަކީ ބައިނަލްއަޤުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވާ ގައުމެއް ކަމަށް ޖީ ހަތެއްގެ ލީޑަރުން ސިފަކުރެއްވިއިރު، އެ ޖަމާއަތަށް ނިސްބަތްވާ ބައެއް ގައުމުތަކަކީ (އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ) އދ. އަށް ގޮންޖަހައި ދުނިޔޭގެ އެތަށް ގައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެ ހަރުކަށި އަމަލުތައް ހިންގައި އެތައް ހާސް ބައެއްގެ މަރުގެ ޒިންމާ އުފުލަންޖެހޭ ގައުމުތަކެކެވެ.

ކުރިން ބާއްވާ ޖީ ހަތެއްގެ ސަމިޓުތަކާ ޚިލާފަށް ހީރޯޝީމާގައި ބޭއްވި ޖީ ހަތެއްގެ ސަމިޓުގައި ރަޝިއާއަކީ ގައުމުތަކަށް އަސްކަރީ ގޮތުން އަރައިގަންނަ ގައުމެއް ކަމަށް ސިފަކުރިއިރު ޗައިނާ ސިފަކޮށްފައިވަނީ އިގްތިސާދީ ބާރު ބޭނުންކޮށްގެން ގައުމުތަކަށް ބިރު ދައްކާ ގައުމެއްގެ ގޮތުގައެވެ.

ނަމަވެސް ޖީ ހަތެއްގައި ހިމެނޭ އެމެރިކާއާއި އިނގިރޭސިވިލާތަކީ އަފްޣާނިސްތާނާއި އިރާގަށް އަރައިގަނެ އެތައް ހާސް ބަޔަކު މަރާފައިވާ ގައުމުތަކެކެވެ. އަދި، ފަލަސްތީނުގައި އިސްރާއީލު ހިންގާ ހުރިހާ ޖަރީމާތަކަކަށް އެހީތެރިވާ މައިގަނޑު ދެ ގައުމަކީ ވެސް އެމެރިކާއާއި އިސްރާއީލެވެ. ސޫރިޔާއާއި ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވެސް އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ޖީ ހަތެއްގެ ގައުމުތަކެވެ.

އަނެއްކޮޅުން ގައުމުތަކަށް އިގްތިސާދީ ގޮތުން ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އިސްކޮށް އުޅޭ މައިގަނޑު ގައުމަކީ ޖީ ހަތެއްގެ އިސް ގައުމު ކަމަށްވާ އެމެރިކާއެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ޖީ ހަތެއްގެ ގައުމުތަކުން ޗައިނާ ދެކެ ނުރުހުންވާ ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރަޝިޔާ ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އެކަން ކުށްވެރިކޮށް ހުޅަނގާ ގުޅިގެން ރަޝިއާއަށް ފިއްތުންތައް ކުރިމަތިކުރަން ޗައިނާ ފަސްޖެހުމާއި ހުޅަނގުން ރަޝިއާ އިނދަ ޖައްސާލުމަށްޓަކައި އެ ގައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އެއްބާރުލުން ނުދިން މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ޗައިނާ ކުރިއަށް ވުރެ ވެސް ގިނައިން ރަޝިޔާ އިން ތެލާއި ގޭސް ގަތުމާއި ޑޮލަރާއި ނުލައި ރަޝިއާއާ އެކު އިގްތިސާދީ މުއާމަލާތްތައް ފެށުންފަދަ ކަންކަމަކީ ދުނިޔޭގައި އެމެރިކާއާއި ޔޫރަޕްގެ ބާރު ކުޑަވެގެންދާ ގޮތަށް ޗައިނާ އަމަލުކުރުން ކަމަށް ހުޅަނގުން ދެކެއެވެ. ޗައިނާގެ މި އަމަލުގެ ސަަބަބުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާ ބޮޑު އަސަރެއް ރަޝިއާއަށް ނުކުރުމަކީ ވެސް ހުޅަނގުގެ ކަންބޮޑުވުމެކެވެ.

ޗައިނާގެ ސިޔާސަތުތައް މިގޮތަށް ބައްޓަންކުރުމުގެ ސަބަބުން ހުޅަނގުން ދުނިޔޭގައި ހިންގާ ބާރާއި ނުފޫޒު ކުޑަވެގެން ދާގޮތް ވުމަކީ ޗައިނާއާ މެދު ހުޅަނގުން ނަފުރަތުގެ ނަޒަރަކުން ބަލަންފެށި މައިގަނޑު އެއް ކަމެކެވެ.

ދާދި ފަހުން ޗައިނާ ވަނީ ޒަމާނުއްސުރެ އެމެރިކާގެ ބާރާއި ނުފޫޒުއޮތް މެދުއިރުމައްޗަށް ވެސް ޑިޕްލޮމެޓިކް ގޮތުން ވަދެ އީރާނާއި ސައޫދީ އަރަބިޔާ ސުލްހަ ކުރުވާފައެވެ. މިކަމުން ވެސް އެމެރިކާއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

އީރާނާއި ސައޫދީ ޖައްސައި ފިތުނަކުރުވައިގެން އެމެރިކާ އެއިން ބޮޑެތި މާއްދީ ފައިދާތަކާއި ޖިއޮޕޮލިޓިކަލް ފައިދާތައް ނަގަމުން ގެންދާތާ ޒަމާންތަކެއް ވެފައިވާއިރު ޗައިނާގެ ޑިޕްލޮމަސީގެ ސަބަބުން މިފައިދާ ނެގުމުގެ ފުރުސަތު އެމެރިކާއަށް ވަނީ ގެއްލިފައެވެ.

އަނެއްކޮޅުން ސައޫދީ އަރަބިޔާ މިހާރު ގެންގެންގުޅެން ފަށާފައިވާ މުސްތަގިއްލު ޚާރިޖީ ސިޔާސަތަށް ވެސް މަގު ފަހިވީ ބޮޑު ބާރެއްގެ ގޮތުގައި ދުނިޔޭގެ މަސްރަހަށް ޗައިނާ ފާޅުވުމުގެ ނަތީޖާއެއްގެ ގޮތުންކަން އެމެރިކާ އިހުސާސް ކުރެއެވެ. އަދި، ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާން އިނދަޖައްސާ ލުމުގައި އެމެރިކާއަށް ނާކާމިޔާބުވީ ވެސް ޗައިނާގެ ސަބަބުން ކަމަށް އެމެރިކާ ދެކެއެވެ.

comment ކޮމެންޓް